މި މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަ ކުރުމަށްޓަކައި އެފްއޭއެމްއާއި ހުޅުމާލެ، ވިލިގިލި އަދި މާލޭގެ ސްކޫލްތައް ގުޅިގެން މާދަމާ ހަވީރު ބާއްވަން އުޅުނު ހިގާލުން މޫސުން ގޯސްވުމާއި ގުޅިގެން ފަސްކޮށްފި އެވެ.

އެފްއޭއެމްއިން ބުނީ، މުބާރާތުގެ ފޯރި ގަދަ ކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ހިންގުމަށް މާލޭގެ ސްކޫލްތަކާ ގުޅިގެން ރޭވިފައިވާ ކަމަށާއި އެހެން ނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން މާދަމާ ހިންގުމަށް ނިންމާފައިވާ ހަރަކާތްތައް ވަނީ ފަސްކޮށްފައި ކަމަށެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ.