01 May 2014, 12:24
އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ބާއްވާ އޭސީސީ އެލީޓް ކްރިކެޓް ލީގުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމް ތަމްރީނު ދަތުރެއްގައި ސްރީ ލަންކާއަށް ދިއުމަށް ނިންމައިފި އެވެ.
ކުރިކެޓް ބޯޑުން ބުނީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ކުރިކެޓް ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ލަންކާގައި ވެސް ޓީމުގެ ބައެއް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލަންކާއަށް ގައުމީ ޓީމް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
ކުރިކެޓް ބޯޑުން ބުނީ، މުބާރާތުގައި ވާދަކުރުމަށް ސިންގަޕޫރަށް ދިއުމަށް ހަމަޖެހިފައި ވަނީ 14 ކުޅުންތެރިންގެ ސްކޮޑެއް ކާމަށާއި މިފަހަރުވެސް ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ 2012 ވަނަ އަހަރު ރާއްޖެއަށް ޗެލްންޖް ކަޕް ހޯދައިދިން ސްރީ ލަންކާގެ ބެރެންޑަން ކުރުއްޕޫ ކަމަށެވެ.
މިއަހަރުގެ ގައުމީޓީމްގެ ޓްރެއިނިންގް ކިޓް ސްޕޮންސާ ކޮށްފައި ވަނީ މިލާކް ކްރިކެޓް އެކަޑަމީގެ ފަރާތުންނެވެ.