އިސްލާމީ ޝަރީއަތް ތަންފީޒުކުރަން ނިންމެވީ މަޖަލަކަށް ނޫން ކަމަށް ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްޤިޔާ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް ގާނޫނުލް އުގޫބާތް ތަންފީޒުކުރުމުގެ ފުރަތަމަ ފިޔަވަހި މިދިޔަ ބުދަދުވަހު އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

"އިސްލާމީ ޝަރީއަތް ( ޝަރީއަތުގައިވާ ގާނޫނުލް އުޤޫބާތް) ތަންފީޒުކުރަން ނިންމީ މަޖަލަކަށް ނޫން. އެކަމަކު އެއީ ޤުރުއާނުގައިވާ ގޮތަށް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ވުމަށް،" ހަސަނުލް ބުލްޤިޔާ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުންޏެވެ.

އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ކަމަށްވާ ވައްކަންކުރުމުން އަތް ކެނޑުމާއި ކައިވެނިކޮށްގެންވާ ހާލު ޒިނޭކޮށްފި ނަމަ ރަޖަމުކުރުން ފަދަ އަދަބުތައް ދެވޭ ގޮތަށް ބުރޫނާއީގެ ގާނޫނުލް އުގޫބާތް ބަދަލުކުރަން ނިންމީ މިދިޔަ އަހަރު އެވެ. އެގޮތަށް ގާނޫނުލް އުގޫބާތް ތަންފީޒުކުރަން އެގައުމުން ފަށާފައި މިވަނީ އދ. އާއި ދުނިޔޭގެ ބައެއް ގައުމުތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.

ފަސްވަގުތު ނަމާދު ނުކުރުމާއި ހުކުރުނަމާދު ނުކުރުން ފަދަ ކުށްތަކާ ގުޅިގެން މީހުން ހައްޔަރުކޮށް އިސްލާމީ ކޯޓްތަކަށް ހާޒިރުކޮށް، ޖޫރިމަނާ ކުރަން އެގައުމުގައި އިއްޔެ ވަނީ ފަށައިފަ އެވެ. ފިޔަވަހި ތަކަކަށް ބަހާލައިގެން، އިސްލާމީ ޝަރީއަތުގައިވާ ހުރިހާ އަދަބެއް ވެސް ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ތައާރަފް ކުރުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.

ބުރޫނާއީ އަކީ އޭޝިއާ ސަރަހައްދުގައިވާ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ވަރަށް ކުޑަކުޑަ ގައުމެކެވެ.