01 May 2014, 11:25
ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތްތަކެއް ކޮށްދެއްވި، ސ. ހިތަދޫ އެވަގްރީން، އަލީ ލުތުފީ އަވަހާރަވެއްޖެ އެވެ. މިހާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތޯރިގު އަލީ ލުތުފީގެ ބައްޕަ، އަލީ ލުތުފީ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އިއްޔެގެ ވަގުތެއްގަ އެވެ. ލުތުފީ ވަނީ ހާއްސަކޮށް އައްޑޫގެ ތައުލީމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލްގެ އިސްވެރިޔާ އަލީ ލުތުފީ ވަނީ އެ ސްކޫލްގެ ޓީޗަރު ކަމާއި ޕްރިންސްޕަލްކަން ވެސް ކުރައްވާފަ އެވެ. އަދި ލުތުފީ ވަނީ ތައުލީމީ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލް ކުރައްވައިފަ އެވެ. އަލީ ލުތުފީ އަވަހާރަވި އިރު އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅަކާއި ދެ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އަލީ ލުތުފީގެ ޖަނާޒާ އޮންނާނީ މިއަދުގެ ވަގުތެއްގަ އެވެ.