01 May 2014, 10:45
ބަންޑާސެރީ ބަގްވާން (މޭ 1): ބުރޫނާއި ގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމްތައްކޮށް އެހުކުމްތައް މިއަދުން ފެށިގެން ތަންފީޒުކުރަން ފެށޭނެކަން އެގައުމުގެ ރަސްގެފާނު ޙަސަން ބުލްގިޔާ އިއުލާން ކުރައްވައިފި އެވެ.
މިކަން އިއުލާން ކުރައްވަމުން ބުރޫނާއިގެ ރަސްގެފާނު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނުގެ ޝަރީއަތާ އެއްގޮތަށް ހުކުމްތައް ތަންފީޒުކުރަން ފެށުމަކީ ބުރޫނާއިގެ ތާރީހުގެ އެންމެ މުހިއްމު ސަފްހާ ކަމަށާއި ބުރޫނާއިގެ ތާރީހުގައި މިކަން ރަންއަކުރުން ލިޔެވިގެން ދާނެކަމުގަ އެވެ.
ބުރޫނާއީގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރަން މިއަދު ފަށާ އިރު މިކަން ކުރުމަށް ހަމަޖެހިފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މިއަދު ފެށޭ ފުރަތަމަ މަރްހަލާގައި އެންމެ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުންނަށް ވެސް ދިނުމަށް ހަމަޖެހިފައިވާ އަދަބުތަކަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ދިގު މުއްދަތުތަކަށާއި އަދި އުމުރަށް ޖަލަށްލުންފަދަ އަދަބުތަކެވެ.
ދެވަނަ މަރްހަލާގައި ވައްކަންކުރާ މީހުންގެ އަތް ބުުރިކުރުން ފަދަ އަދަބުތައް ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ އިރު ޒިނޭކުރާ މީހުންގެ ގައިގާ ހައްދު ޖެހުމާއި ރަޖަމް ކުރުމާއި އަދި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުން ފަދަ ބޮޑެތި އަދަބުތައް ތަންފީޒު ކުރުމަށް ހަމަޖެހިފައި ވަނީ ތިން ވަނަ މަރްހަލާގަ އެވެ.
މިތިން މަރުހަލާގެ ތެރެއިން ކޮންމެ މަރުހަލާއެއްގެ ވެސް މުއްދަތަކީ އެއް އަހަރު ދުވަހެވެ. އެހެންކަމުން ތިން އަހަރު ދުވަހުގެ ތެރޭގައި ބުރޫނާއީގައި އިސްލާމީ ޝަރީއަތް ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވިގެން ދާނެކަމަށް އެގައުމުގެ ރަސްގެފާނު ހަސަން ބުލްގިޔާ ވިދާޅުވި އެވެ.
ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ބުރީނާއީގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ މުސްލިމުންނެވެ. ބާކީ 20 އިންސައްތައަކީ ގައިރު މުސްލިމުން ކަމަށްވާއިރު ގައިރު މުސްލިމުންގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރެވޭނެކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއްނުވެ އެވެ. ނަމަވެސް ގައިރު މުސްލިމުންގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރެވޭފަދަ ހާލަތްތައް އެގައުމުގެ ގާނޫނުލް އުގޫބާތުގައި ހިމެނޭކަމަށް ބައެއް ރިޕޯޓްތައްބުނެ އެވެ.
ބުރޫނާއީގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރާނެކަން މިދިޔަ އަހަރު އިއުލާން ކުރުމާގުޅިގެން އދ. ން ވަނީ އިސްލާމީ ޝަރީއަތުގެ އަދަބުތަކަކީ ހަރުކަށި އަދަބުތަކެއް ކަމަށް ސިފަކޮށް އެކަން ނުކުރުމަށް ބުރުނާއީގެ ސަރުކާރަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތިކޮށްފަ އެވެ. މި ފިއްތުންތަކާ އެކު އިސްލާމީ ޝަރީއަތް ތަންފީޒުކުރުން ކުރުު މުއްދަތަކަށް ލަސްކޮށްލުމަށްފަހު މިއަދުން ފެށިގެން އިސްލާމީ ޝަރީއަތް ތަންފީޒުކުރަމުން ގެންދިޔުމަށް އެގައުމުގެ ރަސްގެފާނު ނިންމަވައި އެކަން އިއްޔެވަނީ ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.
މި އިއުލާނާ އެކު ވެސް އދ. އާއި އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިވާ ހުޅަނގުގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުގެ ފާޑުކިޔުންތައް ބުރޫނާއީއަށް ވަނީ އަމާޒުވެފަ އެވެ. މިފާޑުކިޔުންތަކުގެ ރައްދުގައި ބުރޫނާއީގެ ސަރުކާރުން ބުނެފައިވަނީ ބޭރުގެ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށާ ބޭރުގެ ފިއްތުންތަކަށްވުރެ އިސްލާމީ ޝަރީއަތް ތަންފީޒުކުރުން އެގައުމަށް މާ މުހިއްމު ކަމުގަ އެވެ. އަދި އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމީ ޝަރީއަތަށް ފާޑުކިޔާ ފަރާތްތަކަކީ އެހެން މީހުންގެ ހައްގުތަކަށް ލޯމަރާލައި ހަމައެކަނި ކުށްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކެއްކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ބުރޫނާއީގެ ސަރުކާރުން ވަނީ ބުނެފަ އެވެ. (ނޫސްއެޖެންސީތައް)