01 May 2014, 10:44
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (އެމްއެމްއެސް) އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ މިއަދު ހެނދުނު 10.00 އިން މާދާ ހެނދުނު 10.00 އަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ވިއްސާރައިގައި ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ވައިމަޑުވާނެ ކަމަށާއި އެހެން ނަމަވެސް ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުންޏެވެ. އެގޮތުން އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ދެކުނުގެ އަތޮޅުތަކަށް 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. ނަމަވެސް މުޅި ރާއްޖޭގައި ވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެމްއެމްއެސް އިން ލަފާކުރެއެވެ.
ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުތެރެއާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.
މުޅި ރާއްޖޭގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެންމެން ވެސް އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިރުޝާދުދީފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ރާއްޖެ އަށް ވާރޭ ވެހޭނެ ކަމަށް މި ބުނީ ވާރޭ ވެހުން މަދުވެ، ގިނަ ރަށްތަކެއް ފެނަށް ޖެހިފައި ވަނިކޮށެވެ.