01 May 2014, 10:32
ކިޔެވް (މޭ 1): ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުން ހިންގަމުންގެންދާ އަމަލުތައް ހުއްޓުވުމަށް ޔުކްރޭންގެ ސަލާމަތީ ބާރުތައް ނުކުޅެދިފައިވާ ކަމަށާއި ޔުކްރޭންގެ އިރުމަތީ ސަރަހައްދުތައް ގެއްލިގެންދިޔުމުގެ ބިރު ބޮޑުވެފައިވާ ކަަމަށް އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް ވިދާޅުވެއްޖެ އެވެ.
ތުރްޗިނޯވް ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ މިހާރުގެ އަމާޒަކީ ވަކިވެގަތުމުގެ ހަރަކާތްތައް މުޅިން ހުއްޓުވުމުގެ ބަދަލުގައި އެހަރަކާތްތައް ކޮންޓްރޯލްކޮށް އިތުރު ސަރަހައްދުތަކަށް އެހަރަކާތްތައް ފެތުރިގެން ދިޔުން ހުއްޓުވުން ކަމުގައެވެ.
ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ބާރު އެންމެ ގަދައީ ދޮނިތްސިކް ސަރަހައްދާއި ލޮހާންސް ސަރަހައްދުގަ އެވެ. އެދެ ސަރަހައްދުގެ ބޮޑުބައެއް އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ވާއިރު އެދެ ސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމުގެ ފުރްސަތު ވަނީ ބޮޑުވެފަ އެވެ. ޔުކްރޭނުގެ ސިނާއީ އުފެއްދުންތެރިކަމާއި އެގައުމުގެ އިގްތިސާދުގެ މައި މަރުކަޒުތައްހުރީ ރަޝިޔާއާ ސަރަހައްދީ ގޮތުން ގުޅިފައިވާ އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގަ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޔުކްރޭންގައި ހަރަކާތްތެރިވާ ޔޫރަޕްގެ އޮބްޒާވަރުންގެ ބަޔަކުވެސް ހައްޔަރުކޮށް ރަހީނުންގެ ގޮތުގައި އެމީހުން ހިފަހައްޓާފަ އެެވެ. ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އެގައުމުގެ ވަގުތީ ސަރުކާރު ނުކުޅެދިފައިވާއިރު ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް ވަނީ ހަމަނުޖެހުންތަކުގެ ނުރައްކަލުން ރައްޔިތުން ހިމާޔަތް ކުރުމުގައިވެސް ޔުކްރޭންގެ ސަލާމަތީ ބާރުތައް ނުކުޅެދިފައިވާ ކަމަށް އިއުތިރާފްވެ އެކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. (ބީބީސީ)