ހިދުމަތުން ވަކިވާ ފަނޑިޔާރުންނަށް ދޭން ޖެހޭ އިނާޔަތްތައް ކަނޑައަޅައި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފި އެވެ.


ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ނެގި ވޯޓުގައި 72 މެންބަރުން ވޯޓް ދެއްވި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރި ބިލުގައިވާ ގޮތުން ހިދުމަތުން ވަކިވާ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އިނާޔަތްތަކުގެ ތެރޭގައި ހިމެނެނީ, 20 އަހަރަށްވުރެ ކުރު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރައްވާފައިވާ ފަނޑިޔާރުންނަށް، ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި އިރު ލިބިވަޑައިގެންނެވި މުސާރައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ މާލީ އިނާޔަތެއް ދިނުމަށާއި، 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ހިދުމަތްކޮށްދެއްވާފައިވާ ފަނޑިޔާރުންނަށް، އެބޭފުޅުން މަގާމުގައި ތިއްބެވި އިރު، ލިބިވަޑައިގެންނެވި މުސާރައިގެ ތިންބައިކުޅަ ދެބަޔާ އެއްވަރުގެ މާލީ އިނާޔަތެއް ދިނުމަށެވެ. މީގެ އިތުރުން 25 އަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ފަނޑިޔާރުންނަށް މުސާރައިގެ ހަތަރުބައިކުޅަ ތިންބަޔާ އެއްވަރުގެ މާލީ އިނާޔަތެއް ދެއްވުން ހިމެނެ އެވެ. މީގެ އިތުރުން ފަނޑިޔާރުކަން ކުރައްވާފައިވާ ފަރާތަކަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ރައްކާތެރިކަމާއި ހިމާޔަތް ލިބިދޭން ޖެހޭނެ ކަމަށާއި އެބޭފުޅަކަށް ލިބެންވާ ޝަރަފްވެރިކަމާއި ހިމާޔަތްތައް އެމީހަކަށް ދިނުމުގެ ކަންތައް ސުޕްރީމްކޯޓުން ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. 


މި ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ފަނޑިޔާރުންނަށް މިފަދަ އިނާޔަތްތަކެއް ދޭން ތާއީދު ނުކުރައްވާކަމަށް ވަނީ ވިދާޅުވެފަ އެވެ.


އެމްޑީޕީގެ މެންބަރު ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބު ވިދާޅުވީ، އެއީ ގަބޫލުކުރައްވާ އިސްލާހެއްނޫން ކަމަށާއި މި އިސްލާހަށް ތާއީދުވެސް ނުކުރައްވާ ކަމަށެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ކުރިން ހިދުމަތް ކުރެއްވި، މުޖުތާޒު ފަހުމީ އަށް އިޝާރާތް ކުރައްވައި، އިލްޔާސް ލަބީބު ވިދާޅުވީ، އެ އިސްލާހަކީ، ދައުލަތުގެ މާލިއްޔަތުގައި ހިމެނޭ ފައިސާއިން އެންމެ ބޭފުޅަކަށް ފައިސާ ދިނުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި އެ އިސްލާހް މަޖިލީހުން ފާސްވި ނަމަވެސް އެ އިސްލާގް ތަސްދީގު ނުކުރެއްވުމަށް އިލިޔާސް ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވައިލައްވައިފަ އެވެ.


"އެބޭފުޅުންނަކީ (ފަނޑިޔާރުން) ކުރައްވާ މަސައްކަތަކާއެއްވަރުގެ އުޖޫރައެއްދޭބައެއް. ރައްޔިތުންގެ ފައިސާ އިން ގައުމުގެ ހަރަދު ދެކޮޅު ނުޖެހިގެންއުޅޭއިރު، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން އުޅޭއިރު ގާތްބަޔަކަށް ބައިތުލްމާލުން ފައިސާދޭތަނެއް މިފެންނަނީ،. އެއްފަހަރު ކައިފައި އަނެއް ފަހަރު ނުކައިތިބި ރައްޔިތުން އެބަތިބި ރާއްޖޭގައި. މި އިސްލާހް ފާސްވި ނަމަވެސް ތަސްދީގު ނުކުރެއްވުމަށް އަޅުގަނޑު ރައީސަށް ގޮވައިލަން. ގައުމުގެ މާލިއްޔަތަކުނެތް އެހާ ގާބިލްކަމެއް ގައުމުގައި ނެތްވަރަކުން އިނާޔަތްތަކެއް ނުދެވޭނެ"


ނަމަވެސް އިލްޔާސް ލަބީބުގެ ވާހަކައަށް ރައްދު ދެއްވަމުން ގައުމީ ޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް ވިދާޅުވީ، އަދުލުއިންސާފު ގާއިމް ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ފަނޑިޔާރުންގެ ގަދަރާއި ހައިބަތު ހިފެހެއްޓުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ  ބޭފުޅުންނާއި ސިޔާސީ ފަރާތްތަކާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީ ތައާރަޒުވާކަމެއް ކަމަށާއި ފަނޑިޔާރުންނަށް ދޭ އިނާޔަތްތައް މިވަގުތު އެންމެ ބޭފުޅަކަށް ލިބުނު ނަމަވެސް މިއީ ދިގު މުއްދަތެއްގައި ގައުމަށް ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް ދޭން ނިންމަން ޖެހޭ އިނާޔަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީ ދެމެހެއްޓުމުގައި ކޯޓުތަކުން ކޮށްފައިވާ މަސައްކަތްތަކީ މުހިއްމު މަސައްކަތްތަކެއް ކަމަށާއި ކޯޓުތަކުން އެ މަސައްކަތްތައް ނުކުރި ނަމަ ގައުމަށް މިއައި ބަދަލާ އެކު ހަލާކުވެގެންދިޔަ ގައުމުތަކުގެ ތެރޭގައި މި ގައުމު ހިމެނިގެންދިޔައީސް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.