ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް މެމްބަރު ފުއާދު ގާސިމް( ފޯޑް) އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ފުއާދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން އިއްޔެ އިސްތިއުފާ ދެެއްވީ އޭނާ އަކީ އެމްޑީޕީގެ "ލާދީނީ ފިކުރާ" އަދި އެ ނޫނަސް އެ ޕާޓީގެ ގިނަ ސިޔާސަތުތަކާ ދެކޮޅު ބޭފުޅެއް ކަމަށާއި އެފަދަ ޕާޓީއަކާ އެކު ގާތްގުޅުމެއް ބާއްވައި ޖޭޕީގެ ލީޑަރު ހިންގަވާ އަމަލުތައް ގަބޫލުނުކުރައް ވާތީ ޕާޓީގެ ލީޑާޝިޕުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ހެލްތު އެންޑް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ވެސް ހުންނެވި ފޯޑު ވިދާޅުވީ އޭނާ ޖޭޕީއާ އެކު މަސައްކަތް ކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމަކީ ވެސް އެމްޑީޕީގެ "ލާދީނީ" ސިޔާސަތުތަކާ ދެކޮޅު ބޭފުޅަކަށް ވާތީ ކަމަށާއި އަދި އެ ބޭފުޅާ ފާޅުގައި ކުރިން އެ ސިޔާސަތުތަކާ ދެކޮޅު ހައްދަވާފައިވާތީ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދާ އެކު ގާސިމް އިބްރާހީމް ބަހައްޓަވަމުން އަންނަ ގުޅުން ބައްލަވައި ނުގަންނަވާ ކަމަށް ފޯޑު ވިދާޅުވި އެވެ. އަދި އެއީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ކޯލިޝަން މެންބަރެއްގެ ގޮތުގައި އޮވެގެން ކޮށްގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ޖޭޕީ އަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯޑް ވިދާޅުވީ ޖޭޕީގެ ލީޑާޝިޕުން އޭނާ ފޭއަށް ޖެހިވަޑައިގަތް އަނެއް ސަބަބަކީ އެ ޕާޓީން ކަންކަން ކުރުމުގައި ގެންގުޅޭ ޑިމޮކްރެސީއާ ބީރައްޓެހި އުސޫލު އޭނާ އަށް ގަބޫލު ނުކުރެއްވުން ވެސް ހިމެނޭ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީ ޓިކެޓް "ލީޑަރު ރުއްސަވާ" ބޭފުޅުންނަށް ބެއްސެވި އުސޫލު ވެސް އޭނާ އަށް ގަބޫލު ނުކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ޓިކެޓްތައް މީސްމީހުންނަށް ދިނީ އެއްވެސް ޑިމޮކްރަޓިކް އުސޫލަކުންނެއް ނޫނެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެ ޕާޓީގެ ރަޖިސްޓްރާ މައުމޫން އަބްދުއްސަމަދު އެ ޕާޓީގެ ދަނގެތީ ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕޭން ކުރެއްވި ކަމުގެ ތުހުމަތުގައި އެ މަގާމުން ވަކިކުރި ކުރުން ވެސް އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށެވެ. ފޯޑް ވިދާޅުވީ މައުމޫން ވަކިކުރެއްވީ ކޮމެޓީއަކުން ކަމަށާއި ނަމަވެސް އެކަންކަން ހިނގައި ދިޔަ ގޮތް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.