01 May 2014, 02:33
ފަހަތުން އަރައި ޗެލްސީ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެތުލެޓިކޯ މެޑްރިޑް ދަތުރުކޮށްފި އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ ޓީމަކަށް އެތުލެޓިކޯ މެޑްރިޑްވުުމުން މިފަހަރުގެ ފައިނަލަކީ އެއް ގައުމެއްގެ ދެ ޓީމް ވާދަ ކުރާ "އަވައްޓެރި" ފައިނަލެކެވެ.
އެތުލެޓިކޯ އިން ޗެމްޕިއަންސް ލީގު ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީ އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ. ސެމީގެ ފޯރިގަދަ މެޗު އެތުލެޓިކޯ އިން ކާމިޔާބުކުރީ ފަހަތުން އަރައި ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މެޗުގެ 36 ވަނަ މިނެޓްގައި ކުރީގެ އެތުލެޓިކޯ ފޯވަޑް ފެނާންޑޯ ޓޮރޭޒް ޗެލްސީ އަށް ލީޑު ނަގައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސްޕެއިން ފޯވަޑް އެޑްރިއާން ވަނީ އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެތުލެޓިކޯ އިން ދެވަނަ ހާފު ފެށީ އަވޭ ގޯލާއެކު ލިބުނު އެޑްވާންޓޭޖާ އެކު އެވެ. މެޗުގެ ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކީ އެތުލެޓިކޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓްގައި އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދޭން ޗެލްސީއަށް މަޖުބޫރުވި އެވެ. އެތުލެޓިކޯ އަށް މި ޕެނަލްޓީ ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗެލްސީގެ ކެމަރޫން ފޯވަޑް ސެމުއެލް އެޓޫ ކުރި ފައުލަކާއި ގުޅިގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ޑިއެގޯ ކޮސްޓާ އެވެ.
މެޗުގައި އެތުލެޓިކޯ އަދި ޗެލްސީގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ. ދެ ޓީމުން ޑިފެންސަށް ވިސްނައިގެން ކުޅުނު އިރު، އެޓޭކް ކުރަން ލިބޭ ފުރުސަތުތައް ރަނގަޅަށް ނިންމާލެވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް ޗެލްސީގެ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ އެ ކްލަބުން ލޯނުގެ ދަށުން އެތުލެޓިކޯ އަށް ދޫކުރި ބެލްޖިއަމް ގޯލްކީޕަރު ތިބޯޓް ކޯޓުއާ އެވެ. މެޗުގައި އެތުލެޓިކޯ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތުރުކީ މިޑްފީލްޑަރު އާޑާ ޓުރާން އެވެ.
ޕޯޗުގަލްގެ ލިސްބަންގައި ކުޅޭ ފައިނަލު މެޗަށް ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ ދެ ވާދަވެރިން ނުކުންނާނީ މި މަހު 24 ވަނަ ދުވަހު އެވެ.