01 May 2014, 01:08
އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭބީއީ)ގެ އިމްތިހާނަކުން ރާއްޖޭގެ ކްލިކް ކޮލެޖްގެ ފަސް ދަރިވަރަކު "ޓޮޕް ޕޭޕަރު ޕްރިއިޒް" ހޯދައިފި އެވެ.
އެ ކޮލެޖުން މިދިޔަ އަހަރުގެ ދަސްވެނިވި ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި، މިދިޔަ އަހަރުގެ ޖޫން އަދި ޑިސެމްބަރު މަހުގެ ބޭއްވި އޭބީއީގެ އިމްތިހާނުން "ޓޮޕް ޕޭޕަރު ޕްރިއިޒް" އެވޯޑް ހޯދާފައި ވަނީ ފާތުމަތު ނަސްރާއި ފާތިމަތު ރިފްގާ ޒަމީލާއި އައިޝަތު ޝަނާޒާއި ހިންދް ބިންތު ވަލީދު އާދަމްގެ އިތުރުން އިބްރާހިމް ތަހަމީ ނައީމެވެ.
ސްކޮޓްލޭންޑުގެ އެންމެ މަޝްހޫރު ޔުނިވާސިޓީ، ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޕްރޮފެސަރު ކެވިން އޯ ގޯމަން ޝަރަފްވެރިކޮށް ދެއްވި އެ ރަސްމިއްޔާތުގައި ޓޮޕް ޕޭޕަރު ޕްރިއިޒް" ހާސިލްކުރި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެވީ ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ.
ދަރުބާރުގައި ބޭއްވި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ކޯސްތަކުން 17 ދަރިވަރަކާއި އޭބީއީ ލެވެލް ހައެއް ނިންމި 25 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ. އަދި އެކޮލެޖުން ހިންގާ ކޯސް ތަކުގެ ތެރެއިން މިދިޔަ އަހަރު ދަސްވެނިވި 113 ދަރިވަރަކަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ލިޔުން ދީފަ އެވެ.
މީގެ އިތުރުން ކްލިކް ކޮލެޖްގެ ޑިޕްލޮމާ އަދި އެއަށްވުރެ މަތީ ކޯސްތައް ފުރިހަމަކުރާ ކުދިންގެ ތެރެއިން ހުރިހާ ގޮތުން އެންމެ ރަނގަޅު ދަރިވަރުންނަށް ދޭ "ޕްރެސިޑެންޓްސް ރޯލް އޮފް އެކްސެލެންސް" މިރޭގެ ރަސްމިއްޔާތުގައި ހަ ދަރިވަރަކު ވަނީ ހޯދާފަ އެވެ.
އެގޮތުން އޭބީއީ ޑިޕްލޮމާ ލެވެލް ފަހަކުން އެ އެވޯޑް ހަތަރު ދަރިވަރަކު ހޯދާފައިވާއިރު، އޭބީއީ ޑިޕްލޮމާ ލެވެލް ހައަކުން ދެ ދަރިވަރަކު ވަނީ އެ އެވޯޑް ހޯދާފަ އެވެ.
ކްލިކް ކޮލެޖުގައި ކިޔަވައިދެއްވާ ލެކްޗަރުންގެ ތެރެއިން އެންމެ އަގުހުރި ހިދުމަތްތަކެއް ކްލިކް ކޮލެޖަށް ކޮށްދީފައިވާ ދެ ލެކްޗަރަކަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ "އެވޯޑް ފޯ އެކްސެލެންސް އިން ޓީޗިން" އެވޯޑް ދީފަ އެވެ. އެގޮތުން އެ އެވޯޑް ހޯދާފައިވާ ދެ ލެކްޗަރުންނަކީ ޔަސަސް ސްރީ ދީމަންތަ ސަމަރަތުންގަ އާއި އަހްމަދު އަގީލް އެވެ.
ކްލިކް ކޮލެޖްގެ ސެޝަންތަކުން އެންމެ މަތީ "އެވޯޑް ޕޮއިންޓްސް" ލިބިގެން "ޓޮޕް ސްޓޫޑަންޓް އެވޯޑް" މިރޭގެ ރަސްމިއްޔާތުގައި ހާސިލް ކޮށްފައި ވަނީ، ނުވަ ދަރިވަރެކެވެ. މީގެ އިތުރުން ކްލިކް ކޮލެޖުންދޭ "ސްޓޭޑެންޓް ލީޑާޝިޕް އެވޯޑް" އާއި "އެވޯޑް ފޯ އައުޓް ސްޓޭންޑިން ސްޓޫޑަންޓް ކޮންޓްރިބިއުޝަން" ވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ދީފަ އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި 2001 ވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކްލިކް ކޮލެޖަކީ އިނގިރޭސި ވިލާތުގެ މަތީ ތައުލީމުގެ ގިނަ ކޯސްތަކެއް ހިންގަމުން އަންނަ މަޝްހޫރު ކޮލެޖެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ހެރިއެޓް-ވޮޓް ޔުނިވާސިޓީ އާއި އެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ކްލިކް ކޮލެޖުގައި އެ ޔުނިވާސިޓީގެ ޑީގްރީ ޕްރޮގްރާމްތަކެއް ދަނީ ކިޔަވައިދެމުން ނެވެ.
ކްލިކް ކޮލެޖްގައި މިހާރުވެސް ހަ ދާއިރާއަކުން ގިނަ ކޯސްތައް ކިޔަވައިދެމުންދާއިރު، މިހާރުވެސް އެ ކޮލެޖުން 500 ގާތްކުރާ އަދަދަކަށް ދަރިވަރުން ކިޔަވަ އެވެ.