އަލިމަސްކާނިވާ ސަރައްދުގައި ލެމަންގްރާސް އިން އިމާރާތްކުރަމުންދިޔަ އާ ރެސްޓޯރަންޓްގެ މަަސައްކަތް ފުލުހުން މެދުވެރިކޮށް ހައުސިން މިނިސްޓްރީން ހުއްޓުވާފައިވާތީ، އެތަން ފުލުހުންގެ ބެލުމުގެ ދަށުން ނެގުމަށް ވަގުތީ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ދައުލަތާ ދެކޮޅަށް ލެމަންގްރާސުން ހުށަހެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ކެފޭ ހަދާ ތަނަކީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަަހައްދުގައި ހުންނަ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ދަށުގައިވާ ބިމަކަށް ވިޔަސް އެ ގަވާއިދުގެ ދަށުން، އެ ބިން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އިގްތިސާދީ، އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުޅޭ ކަން ކަމަށް އެ ބިން ހައުސިން މިނިސްޓްރީގެ ދަަށަށް ބަދަލުކުރުމުގެ ބާރު ކެބިނެޓަށް ލިބިގެންވާ ކަމަށެވެ.

ގާޒީ ހާތިފް ހިލްމީ ނެރުއްވި އަމުރުގައި ބުނެފައި ވަނީ ލެމަންގްރާސް އިން އެދިފައިވާ ގޮތަށް، ފުލުހުންގެ ބެލުމުގެ ދަށުން އެތަން ނުނެގޭނެ ކަމަށާއި ނަމަވެސް އެ ތަނުގައި ހުރި މެޝިނަރީޒް ރައްކާތެރިކުރުމަށް ލެމަންގްރާސް އަށް ފުރުސަތުދޭންޖެހޭނެ ކަމަށެވެ.

އެ އަމުރުގައި ބުނަނީ އެގޮތަށް މިނިސްޓްރީގެ ދަަށަށް ބިން ގެންދާއިރު އެތަނާ މެދު ތިން ވަނަ ފަރާތަކާ މެދު އެއްބަސްވުމެއް އޮތް ނަމަ އަދުލުވެރި ބަދަލެއް ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ތިން ވަނަ ފަރާތަކާ އެކު ކައުންސިލުން ވެފައިވާ އެފަދަ ބިންތަކުގެ އެއްބަސްވުންތައް ދެެމެހެއްޓާނެ ގޮތެއް ގަވާއިދުގައި ނެތް ކަމަށެވެ. ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަަހައްދުގައި ހުންނަ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގައި އެފަދަ އެއްބަސްވުން ދަމަހައްޓާނެ ގޮތެއް ނެތުމުން ޝަރީއަތް ހިންގުމަށްފަހު ހުކުމް ކުރާއިރު އެކަންތައްތަކުގެ މައްޗަށް ރިޔާއަތް ކުރާނެ ކަމަށް ވަގުތީ އަމުރުގައިވެ އެވެ.