މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ލިބިފައިވާ ޕްރޮޖެކްޓް ތަކުގެ އަދަދު ހަތަރު ގުނައަށް އިތުރުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު އާންމުކުރި އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކުންފުންޏަށް މިއަހަރު މުޅިން އަލަށް 18 ޕްރޮޖެކްޓެއް ލިބިފައި ވާ ކަމަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް އަލަށް ލިބިފައި ވަނީ ހަތަރު ޕްރޮޖެކްޓެކެވެ. އެ އަދަދާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ޕްރޮޖެކްޓުތަކުގެ މިންވަރު ވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ޖުމްލަ ޖުމްލަ 42 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވާއިރު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާލާފައި ވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

މިއަހަރު މިހާތަނަށް އެ ކުންފުނިން ހިންގި ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތް ތަކެއް ނިންމާލެވިފައި ވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެތެރޭގައި ބަނދަރުހެދުމާއި ބިންހިއްކުމުގެ އިތުރުން އެއްގަމުތޮށި ލުމާއި ކަނޑުތޮށި ލުމުގެ ގިނަ މަސައްކަތް ކޮށްފައިވާއިރު އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓެއްގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓްފަދަ މަސައްކަތްތަށް ކުރިޔަށް ގެންގޮސްފައިވެ އެވެ.

އެކުންފުނިން އިތުރަށް ފާހަގަ ކޮށްފައި ވަނީ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަށް ކުރިޔަށް ގެންދިއުމަށްޓަކައި ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ތަކެތި އިންޑިޔާއިން ރާއްޖެއަށް ވަގުތީ ގޮތުން އެކްޕޯޓް ކުރުމުގެ ހުއްދަ ލިބިފައި ވީނަމަވެސް، އެކަން ރަސްމީގޮތެއްގައި ހަމަޖެހިފައި ނުވުމުން އެފަދަ ތަކެތި އެތެރެ ނުކުރެވުމުން ގިނަ ޕްރޮޖެކްޓް ތަކެއް ލަސްވެފައި ވާ ކަމަށެވެ.

ނަމަވެސް އެކަންތަށް ހައްލުކުރުމަށް އޮމާންއިން މިއަހަރު ޖެނުއަރީ މަހު 10،000 ޓަނު ހިލަ ގެނަސް އެ މަސައްކަތް އަލުން ފަށާފައި ވާކަމަށާއި، މިއަހަރު މާޗްމަހުން ފެށިގެން އެއްވެސް ދަތިކަމެއްނެތި އިންޑިއާއިން މެޓީރިއަލްސް ލިބެން ފަށާފައި ވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އެކުންފުނިން ނިންމާލާފައިވާ ޕްރޮޖެކްޓެތަކުގެ ތެރޭގައި ފ. ބިލެއްދޫ ބަނދަރު ހެދުމުގެ ޕްރޮޖެކްޓާއި ހއ.ކެލާ ނެރު ފުންކުރުމުގެ އިތުރުން ލ. ކުނަހަންދޫ ބަނދަރު ހެދުމާއި ތ.ތިމަރަފުށި ޑޮމެސްޓިކް އެއާޕޯޓް ޑިވެލޮޕްމަންޓް ގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.