30 Apr 2014, 20:51
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް ހަފްލާގެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރުމަށް ފަހު،ބައެއް ފޮޓޯތައްމިއަދު ނަގައިފި އެވެ.
އޮލިންޕަހުގައި ރޭ ބޭއްވި ފިލްމު އެވޯޑްސް ހަފްލާއާ މެދު އާންމުންގެ ހިންހަނުޖެހުން ފާޅު ކުރަމުންދަނިކޮށް، ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ވަނީ ނިވާކަން ކުޑަކޮށް ހެދުން ލައިގެން ތިބި ފިލްމީ ތަރިންގެ ފޮޓޯތަކެއް ޝާއިއުކޮށްފަ އެވެ. އެފަދަ ތަރިންގެ ފޮޓޯތަކެއް ރައީސް އޮފީހުގައި ޝާއިއު ކުރުމުން ބައެއް މީޑިއާތަކުން ވަނީ އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
ނަމަވެސް މިއަދު އިރުއޮއްސުނު ފަހުން، އޭގެ ބައެއް ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ނެގި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ސަން އަށް މިރޭ ވިދާޅުވީ އެފަދަ ފޮޓޯތަކަކީ ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރެގެން ނުވާނެ ފޮޓޯތަކެއް ކަމަށް "ގަބޫލު ކުރެވުނު ހިސާބުން" އެ ފޮޓޯތައް ވެބް ސައިޓުން ނަގާފައިވާ ކަމަށެވެ.
"އާންމު އުސޫލުން ރައީސް ވަޑައިގަންނަވާ އިވެންޓުތަކުގެ ފޮޓޯތައް ވެބްސައިޓަށްލާނެ. އެ އުސޫލުން ރޭ ވެސް ރައީސް ވަޑައިގެންނެވި ހަފްލާގެ ފޮޓޯތައް އެކަމުގައި އުޅޭ މުވައްޒަފުން ވެބްސައިޓަށް ލީ. އެކަމަކު އެ ފޮޓޯތަކުގެ ތެރޭގައި ހުރެގެން ނުވާނެ ކަމަށް ގަބޫލު ކުރެވޭ ފޮޓޯތައް މިހާރު ވާނީ ނަގާފައި." ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ވިދާޅުވި އެވެ.