ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން ހަތަރެއްގެ ކުޅުން މާދަމާ ފަށާ ގޮތަށް ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

މާދަމާ ފަށާ ޒޯން ހަތަރެއްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. މާދަމާ ހަވީރު 4:15 ގައި ކުޅޭ މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ސަން އައިލެންޑްގަ އެވެ.

ޒޯން ހަތަރެއްގައި ތިން ޓީމެއް ބައިވެރިވެފައިވާ އިރު، ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅޭނެ އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް ޓީމު ފައިނަލަށް ދަތުރުކުރާ އިރު، ސެމީ ފައިނަލުގައި ބައްދަލުކުރާނީ ދެވަނަ އަދި ތިންވަނަ ޓީމެވެ. ޒޯން ހަތަރެއްގެ މުބާރާތުގެ ފައިނަލު ކުޅޭނީ މެއި މަހު ހަވަނަ ދުވަހު އެވެ. މި ޒޯންގައި ބައިވެރިވެފައިވާ ތިންވަނަ ޓީމަކީ ލަކްސް މޯލްޑިވްސް އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ވިދާޅުވީ، ޒޯން ހަތަރެއްގެ ކުޅުން މާދަމާ ފެށޭއިރު، ޒޯން އެކެއްގެ މެޗުތައް ހުކުރު ދުވަހު ފެށޭނެ ކަމަށެވެ.

"ޒޯން އެކެއްގެ ކުޅުން ފެށޭނީ ހުކުރު ދުވަހު. އަދި ޒޯން ހަތަރެއްގެ މެޗުތައް މާދަމާ ފެށޭނެ،" ހުސައިން ވިދާޅުވި އެވެ. "ދެން އޮތް ދެ ޒޯނުގެ ކުޅުން ފެށޭނެ ތާރީހެއް އެސޯސިއޭޝަނުން ފަހުން އިއުލާން ކުރާނެ. އަދި ސެމީގެ މެޗުތަކާއި ފައިނަލް މެޗުތައް ކުޅޭނެ ތަންތަން ވެސް އެސޯސިއޭޝަނުން ފަހުން އިއުލާންކުރާނެ."

މި އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޒޯނަކުން 20 ޓިމެއް ބައިވެރިވެފައި ވެއެވެ. ޒޯން އެކެއްގައި ހިމެނެނީ މާލެ އަތޮޅު ދެކުނު ބުރީގެ ޓީމުތަކެވެ. ޒޯނު ދޭއްގައި މާލެ އަތޮޅު އުތުރު ބުރީގެ ޓީމުތައް ހިމެނޭ އިރު، ޒޯން ހަތަރެއްގައި ހިމެނެނީ އަރި އަތޮޅުގެ ޓީމުތަކެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ބ. އަތޮޅަށް ނިސްބަތްވާ ރިސޯޓްތަކުގެ ޓީމުތަކެވެ.

ޒޯން އެކެއްގައި ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމެކެވެ. ޒޯން ދޭއްގައި ބައިވެރިވެފައި ވަނީ ހަތް ޓީމެކެވެ. އަދި ޒޯން ހަތަރަކުން ތިން ޓީމް ބައިވެރިވެފައި ވާއިރު، ޒޯން ފަހަކުން ހަތަރު ޓީމެއް ބައިވެރިވެފައި ވެއެވެ.