އަލިމަސްކާނިވާ ސަރައްދުގައި ލެމަންގްރާސް އިން އިމާރާތްކުރަމުންދިޔަ އާ ރެސްޓޯރަންޓްގެ މަަސައްކަތް ފުލުހުން ހުއްޓުވައިފި އެވެ. ކާނިވާ ސަރައްދުގައި ޑައިން-މޯ ރެސްޓޯރަންޓް ކައިރީ އިމާރާތް ކޮށްފައިވާ އެ ރެސްޓޯރަންޓް މަސައްކަތް ހުއްޓުވުމަށްފަހު ފުލުހުންވަނީ އެ ސަރައްދު ވަށައިގެން ޓޭޕް ދަމައިފަ އެވެ.

ލެމަންގްރާސްގެ ޑިރެކްޓަރު އަތީފް ހުސެއިން އަހްމަދު "ސަން" އަށް މިއަދު ވިދާޅުވީ، ދެބުރިއަށްވާ ގޮތަށް ލެމަންގްރާސް ރެސްޓޯރަންޓް އިމާރާތްކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މަސައްކަތް ހުއްޓުވުމަށް ފުލުހުންގެ ކިބައިން ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް އިއްޔެ ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މިއަދު ފުލުހުން އައިސް އެ މަސައްކަތް ހުއްޓާލުމަށް އެންގުމަށްފަހު އެ ސަރަހައްދުގައި ޓޭޕް ދަމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިމާރާތުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި އަމަޒާކީ އަންނަ ރަމަޟާންމަހު ރެސްޓޯރަންޓް ހުޅުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އަލިމަސްކާނީވާ ސަރައްދުގެ ބިމުގައި އިމާރާތްކުރާ ރެސްޓޯރަންޓަކީ ސިޓީ ކައުންސިލުން ހުއްދަ ދީގެން ކޮށްފައިވާ އިމާރާތެއް ކަމަށްވެސް އަތީފް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ލެމަންގްރާސްގެ އާ އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ކުރީގެ ސިޓީ ކައުންސިލުން ދީފައިވާ ހުއްދައާ އެއްގޮތަށް ކަމަށެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ލެމަންގްރާސް އިން އިމާރާތްކުރަމުންދިޔަ އާ ރެސްޓޯރަންޓް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ ގަވައިދާ ހިލާފަށް ކަމަށްބުނެ އެ މަސައްކަތް ހުއްޓުވައި ދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލުގައި އެދިފަ އެވެ.