ޖުޑީޝަރީގެ މުސާރަ 87 ޕަސެންޓް ބޮޑުކޮށް ދައުލަތުގެ މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އެކުލަވާލައިލި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ދައުލަތުގެ މުސާރައިގެ އޮނިގަނޑު މިއަދު ފާސްކުރީ މިއަދު މިއަދުގެ ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން 74 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.


ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އެކުލަވާލައްވައި މި އަހަރުގެ އޯގަސްޓް މަހުގެ 26ގައި މަޖިލީހަށް ހުށަހެޅުމުން އެ އޮނިގަނޑު އަލުން މުރާޖައާ ކުރުމަށް މަޖިލީހުން އެ ކޮމިޓީ އަށް ފޮނުވުމާ ގުޅިގެން އެ އޮނިގަނޑު މުރާޖައާކޮށް މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން، މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ، މި ރިޕޯޓަކީ، މިނިވަން މުސްތަގިއްލު މަގާމުތަކުގެ މުސާރަތަކާ ބެހޭ ގޮތުން މިހާތަނަށް ކުރެވިފައިވާ އެންމެ ފުރިހަމަ ދިރާސާއެއް ކަމަށެވެ. އަދި މި ފަހަރު ހުށަހަޅާރިޕޯޓްގައި ވެރިކަންހިންގާ ފަރާތާއި އަދުލުއިންސާފު ގާއިމްކުރާ ފަރާތާއި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލަށާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މަގާމުތަކަށް ވަކިތާވަލެއް ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި ރިޕޯޓުން ބަދަލު އައިސްފައި ވާނީ، ޖުޑިޝަރީގެ މުސާރަ ތަކަށާއި ވަޒީރުންގެ ކާރު އެލަވަންސާއި ހެލްތު އިންޝުއަރެންސް ދިނުމަށް ނިންމާފައިވާ ނިންމުމަށްކަން ފާހަގަ ކުރައްވައި، ނާޒިމު ވިދާޅުވީ، މި ރިޕޯޓްގެ ސަބަބުން އެ މަގާމުތަކުގެ މުސާރަތަކަށް ދައުލަތުގެ މާލިއްޔާއިން 249.5 މިލިޔަން ރުފިޔާ އިތުރަށް ހަރަދުވެގެންދާނެ ކަމަށެވެ. ތަފްސީލް ދެއްވަމުން ނާޒިމު ވިދާޅުވީ، އެފައިސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އިތުރަށް ދެ މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ.


ލޯކަލް ކައުންސިލްތަކަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ތައާރަފް ކުރެވޭ މަގާމުތަކެއް ކަމަށާއި އެ މަގާމުތަކުގެ މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި 175 މިލިޔަން ރުފިޔާ މާލިއްޔާ އިން އިތުރަށް ހަރަދުކުރަން ޖެހޭނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.


ނާޒިމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މުސާރަތަކުގެ ތެރެއިން ކޮމިޓީން އިތުރު ކުރުމަށް ނިންމާފައި ވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މުސާރަ ކަމަށެވެ. އެކަން ހަމަޖެހިގެންދިޔައީ، ގިންތި ކުރުމުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެއްވަރުގެ މަގާމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމު ހަމަޖައްސައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެއް މުސާރައެއް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް ހަމަޖެއްސުމަށް އޮނިގަނޑުގައި ހިމަނާފައިވާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.


ދައުލަތުން ކާރު ދޫކުރާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި މަހަކު 7،500 ރުފިޔާ ހަމަޖައްސައި އޭގެ ތެރެއިން ޑްރައިވަރަށް 6،500 ރުފިޔާ، އަދި ފެޓްރޯލަށް 1،000 ރުފިޔާ ހަމަޖެއްސުމަށް ވަނީ އޮނިގަނޑުގައި ހަމަޖައްސާފަ އެވެ. އެ އެލަވަންސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ހަމަޖެހިގެންދާނެ ކަމަށް ކޮމެޓީން ބުންޏެެވ.