ރާއްޖޭގެ މީޑިއާތަކަށް ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން މައުލޫމާތު ހޯދަން އުނދަގޫ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

އެ ކޮމިޝަނުން 2011 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ނިމި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކޮށްފައިވާ އެ ސާވޭއަކީ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ހުރަސްތަކާއި މީޑިއާގެ މިނިވަންކަމަށް ހުރި ހުރަސްތަކުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ލިބިގަތުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ނޫސްވެރިންގެ ފަރާތުން ލިބުނު މައުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސާވޭ އެކެވެ.

އެ ސާވޭއިން ދައްކާގޮތުން، ސާވޭގައި ބައިވެރިވި ނޫސްވެރިންގެ ތެރެެއިން 72 ޕަސެންޓް ނޫސްވެރިން ބުނަނީ ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން މައުލޫމާތު ހޯދުމަށް އުނދަގޫ ކަމަށެވެ.

އެ ސާވޭގައި ރާއްޖޭގެ އެކްޓިވިސްޓް ޖާނަލިސްޓުން ހަރަކާތްތެރިވުމާއި މުސްތަގްބަލްގައި ނޫސްވެރިންނަށް ތްރެޓް އޮތް މިންވަރުގެ އިތުރުން މިނިވަން އިންސާފުވެރި ޒިންމާދާރު ނޫސްވެރިކަން ޕްރެކްޓިސް ކުރުމަށް މަގުފަހިކޮށްދީފައިވާ މިންވަރާ ގުޅޭގޮތުންވެސް ވަނީ އެ ކޮމިޝަނުން މައުލޫމާތު އެއްކޮށްފަ އެވެ.

އެގޮތުން ނޫސްވެރިންގެ ތެރެއިން 69 ޕަސެންޓް ރާއްޖޭގައި އެކްޓިވިސްޓް ޖާނަލިސްޓުން ހަރަކާތްތެރިވާ ކަމަށް ބުނާއިރު، 31 ޕަސެންޓް މީހުން ބުނެފައިވަނީ ރާއްޖޭގައި އެކްޓްވިސްޓް ޖާނަލިސްޓުން ނޫޅޭ ކަމަށެވެ.

މުސްތަގްބަލްގައި ނޫސްވެރިންނަށް އޮތް ތްރެޓްގެ މިންވަރު އިތުރުވެދާނެތޯ ކުރި ސުވާލަށް ގިނަ ނޫސްވެރިން ވަނީ އާނއެކޭ ބުނެފަ އެވެ. އެގޮތުން ސާވޭގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން 66 ޕަސެންޓް ބުނަނީ މުސްތަގްބަލްގައި ނޫސްވެރިންނަށް ހުރި ތްރެޓްތައް އަންނަ ވަރު އިތުރުވާނެ ކަމަށެވެ. އަދި 34 ޕަސެންޓް ނޫސްވެރިން ދެކެނީ އެފަދަ ކަންތައްތަކެއް އިތުރު ނުވާނެ ކަމަށެވެ.

މީގެ އިތުރުން، މިނިވަން އިންސާފުވެރި ޒިންމާދާރު އަދި އެތިކަލް ޖާނަލިޒަމް ޕްރެކްޓިސް ކުރުމަށް މަސައްކަތްކުރާ ސްޓޭޝަންތަކުން މަގުފަހިކޮށްދޭ ކަމަށް 54 ޕަސެންޓް ނޫސްވެރިން ބުނެފައިވެ އެވެ. ނަމަވެސް އެފަދަ ފުރުސަތެއް މަގުފަހި ކޮށްނުދޭ ކަމަށް 46 ޕަސެންޓް ނޫސްވެރިން ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އެ ސާވޭ ރިޕޯޓަކީ ނުވަ ސްޓޭޝަނެއްގެ 44 ނޫސްވެރިއަކު ފުރިހަމަކުރި ސާވޭ ފޯމުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.