މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ 2013 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ އާމްދަނީގެ ގޮތުގައި 424.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް ފާއިތުވި އަހަރު އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 363.3 މިލިއަން ރުފިޔާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރާއްޖެ އަށް އިމްޕޯޓްކުރި މިންވަރު ފާއިތުވި އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާބަލާ އިރު 11 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި މިދިޔަ އަހަރު އެ މުއްދަތުގައި 6.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ އިރު، މި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ކުރި މިންވަރު 7.2 ބިލިއަނަށް އަރާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އޭގެ އިތުރުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ އަށް އިމްޕޯޓް ކުރި ތަކެތީގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި 2.4 މިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި ދެވަނައަށް ކާބޯތަކެތީގެ ބާވަތްތަކުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އިރު އޭގެ އަގު 1.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ. ތިން ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވާ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ ބާވަތްތަކުގެ އަގު އެއް ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދިވެހި ރާއްޖެ އިން އެކްސްޕޯޓްކުރި މިންވަރު 2013 ވަނަ އަހަރާ އަޅާބަލާއިރު ވަނީ 25 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 752.5 މިލިއަން ރުފިޔާގެ މުދާ ދިވެހިރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާ އިރު، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ އަދަދު ވަނީ 562.2 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.