30 Apr 2014, 16:20
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓެލެވިޒަން މޯލްޑިވްސް އިން އެންމެ ކުޑަކޮށް ވަގުތު ދީފައި ވަނީ އެމްޑީޕީ އަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ސާވޭއަކުން އެނގޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި އާންމު ކުރި އެ ރިޕޯޓްގައިވާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ކުރަމުން ދިޔަ އިރު ޓީވީއެމް އިން ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ދިން އޮންއެއާ ވަގުތުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައި ވަނީ 9.68 ޕަސެންޓެވެ. އަދި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ދެވަނަ އަށް އެންމެ ކުޑަކޮށް ވަގުތު ދީފައި ވަނީ އޭރު ހުންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށެވެ. ނަމަވެސް ހަމަ އެއާ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް 20.46 ޕަސެންޓް ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނި ގޮތުގައި ޓީވީއެމްގެ ވަގުތު އެންމެ ގިނައިން ދީފައިވާ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމެވެ. ގާސިމަށް ވަގުތުގެ 18.24 ޕަސެންޓް ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ދެވަނަ އަށް އެންމެ ގިނަ ވަގުތު ދީފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ކަމަށާއި އެ މަނިކުފާނުނަށް 16.34 ޕަސެންޓް ދީފައިވާ ކަމަށެވެ.
އެމްބީސީގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު މިއަދު ސަން އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަގުތުދީފައި ވާނީ ހަމަހަމަ އުސޫލުން ކަމަށާއި ކަނޑައެޅިފައިވާ ގައިޑުލައިނެއްގެ ތެރެއިން ކަމަށެވެ. އަދި އެެ ގައިޑްލައިނަކީ ސިޔާސީ ޕާޓީތަކުން އެންޑޯސްކޮށްފައިވާ ގައިޑްލައިނެއް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރިޕޯޓް ދިރާސާ ކުރުމަށް ފަހު މާދަމާ ބަޔާނެއް ނެރޭނެ ކަމަށެވެ.
ޖުމްލަ ގޮތެއްގައި ޓީވީއެމްގެ އެންމެ ގިނަ ވަގުތު ދީފައި ވަނީ އިލެކްޝަންސް ކޮމިޝަން ކޮމިޝަނަށް ކަމަށް ބްރޯޑްކާސްޓިން އެކޮމިޝަނުން ބުންޏެވެ. އަދި އެ ކޮމިޝަނަށް 20.60 ޕަސެންޓް ދީފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭން ދުވަސްވަރު ކެންޑިޑޭޓުންނާ އެއްކޮޅު ވުމާއި ދެކޮޅުވުމާއި ވަކިކޮޅަކަށް ނުޖެހުން ހުރި ގޮތް ވެސް އެ ކޮމިޝަނުން ބެލި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެގޮތުން އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 6 ވަނަ ދުވަހާ ހަމައަށް (ކެމްޕޭންގެ އެންމެ ފަހު ހަފުތާ)ގައި ޓީވީއެމް އިން ކެންޑިޑޭޓަކާ ދެކޮޅުވާ ފަދަ ގޮތަކަށް ބްރޯޑްކާސްޓްކޮށްފައި ވަނީ ދެ ކެންޑިޑޭޓަކާ ގުޅޭ ކަންކަމުގަ އެވެ. އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނާ ގުޅޭ ކަންކަމުގެވެ. އެގޮތުން ނަޝީދާ ގުޅުން ހުރި ކަންކަމުގައި ބްރޯޑްކާސްޓް ކުރި ކޮންޓެންޓްގެ 12.24 ޕަސެންޓް ބްރޯޑްކާސްޓް ކޮށްފައި ވަނީ އެމަނިކުފާނާ ދެކޮޅަށް ކަން ދޭހަވާ ގޮތަށެވެ. ޔާމީނާ ދެކޮޅުކަން ދޭހަވާ ގޮތަކަށް އެމަނިކުފާނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ނިސްބަތަކީ 5.41 ޕަސެންޓް ކަމަށެވެ.
ބްރޯޑްކާސްޓް ކޮމިޝަނުން ރާއްޖޭގެ ޓީވީ ޗެނަލްތަކާ ބެހޭ މިސާވޭ ހަދާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ހަތްވަނަ ދުވަހާ ހަމައަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އެވެ.
ބްރޯޑްކާސްޓް ކޮމިޝަނުގެ ސާވޭގައި ދިޓީވީއާއި ވީޓީވީ ވެސް ބަލާފައިވާނެ ކަމަށް އެެ ކޮމިޝަނުން ބުންޏެވެ. އަދި އަމިއްލަ ފަރާތްތަކުން ހިންގާ އެޗެނަލްތަކުގެ ހަމަހަމަކަން ޓީވީއެމް އަށް ވުރެ މާބޮޑަށް ވެސް ކުޑަކަން ސާވޭ އިން އެނގޭ ކަމަށް ވެސް ބުންޏެވެ.