ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް ތްރެޓް އެންމެ ބޮޑަށް ކުރިމަތިވަނީ ސިޔާސީ ޕާޓީތަކުން ކަަމަށް މީޑިއާގެ މިނިވަންކަމަށް ހުރި ހުރަސްތައް ދެނެގަތުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ސާވޭއަކުން ދައްކައިފި އެވެ.

އެ ކޮމިޝަނުން ބުނީ މިދިޔަ 2011 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ނިމި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ހުރަސްތަކާއި މީޑިއާގެ މިނިވަންކަމަށް ހުރި ހުރަސްތަކުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ލިބިގަތުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކަށް ބަލައި ތައްޔާރުކޮށްފައިވާ އެ ރިޕޯޓަށް މައުލޫމާތު އެއްކުރުމަށް ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި ސާވޭ ފޯމެއް މެދުވެރިކޮށް ވެސް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގައި ސިޓީގެ ޒަރީޔާއިން އެދިގެން ވެސް އެ މައުލޫމާތު އެއްކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން އެ ސާވޭގައި ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް ތްރެޓް އެންމެ ބޮޑަށް ކުރިމަތިވާ ކަމަށް ސިޔާސީ ޕާޓީތައް ކަމަށް ބުނެފައި ވަނީ 11 ޕަސެންޓް މީހުންނެވެ. ސިޔާސީ ޕާޓީތަކަށް ފަހު ނުވަ ޕަސެންޓް މީހުން ދެކެނީ މީޑިއާއަށް ހުރަސް ކުރިމަތިކުރުވާ ފަރާތަކީ ހައްދުފަހަނާއަޅާފައިވާ ފަރާތްތަކާއި، ގޭންގުތަކުންނާއި އަދި ގާނޫނު ހެދުމުގެ ބާރުގެ ފަރާތުންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ ތްރެޓް އަންނަ ކަމަށް ސާވޭގައި ބައިވެރިވި ފަރާތްތަކުން ބުނަނީ ވެރިކަން ހިންގާ ބާރުގެ ފަރާތުންނެވެ. އެ ދާއިރާއިން ތްރެޓް ކުރިމަތިވާ ކަމަށް އަށް ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ.

މީޑިއާގެ މިނިވަންކަމަށް ހުރި ތްރެޓް ތަކަށްވެސް އެ ސާވޭގައި ވަނީ ބަލާލާފަ އެވެ. އެގޮތުން އެންމެ ބޮޑު ތްރެޓެއް ކަމުގައި އެ ސާވޭގެ ނަތީޖާއިން ދައްކަނީ ސިޔާސީ ފަރާތްތަކުގެ ނުފޫޒެވެ. ސިޔާސީ ނުފޫޒުގެ މިންވަރު 17 ޕަސެންޓަށް ކުރިމަތިވާ ކަމަށް އެ ސާވޭއިން ދައްކައެވެ.

ދެވަނަ އަށް އެންމެ ބޮޑު ތްރެޓެއްގެ ގޮތުގައި އެ ސާވޭއިން ދައްކަނީ މަޢުލޫމާތު ހޯދުމަށް ހުރި ހުރަސްތަކެވެ. މީޑިއާގެ މިނިވަންކަމަށް ހުރި ތިންވަނަ ތްރެޓެއްގެ ގޮތުގައި ފާހަގަކުރެވެނީ މަޢުލޫމާތު ދިނުމުގައި ތަފާތުކުރުން ކަމަށެވެ.

ސާވޭގައި ތްރެޓް އޮތް މިންވަރަށް ބަލާލާފައިވާއިރު، ސާވޭގައި ބެރިވެރިވި 29 ޕަސެންޓް ނޫސްވެރިން ދެކެނީ ނޫސްވެރިންނަށް އައިސްފައި ވަނީ ފުރާނައަށް ނުރައްކާ ވާވަރުގެ ހަމަލާތަކެއް ކަމުގަ އެވެ. އަދި 27 ޕަސެންޓް މީހުން ނޫސްވެރިންނަށް ކުރިމަތިވާ ތްރެޓް އަކީ މަސައްކަތްކުރުމަށް ޖެހިލުންވާ ވަރުގެ ހަމަލާތަކެއް ކަމުގައިދެކޭއިރު، 20 ޕަސެންޓް މީހުން ދެކެނީ ވަރަށް ބޮޑަށް ތްރެޓް އެބައޮތް ކަމަށެވެ.

މީގެ އިތުރުން 17 ޕަސެންޓް މީހުން މެދުމިނަކަށް ތްރެޓް އޮތް ކަމަށް ބުނާއިރު، ހަތް ޕަސެންޓް މީހުން ބުނަނީ އެއްވެސް ތްރެޓެއް އެމީހުންނަށް ނެތް ކަމަށެވެ.

ތްރެޓްގެ އާއްމުކަމުގެ މައްޗަށް ވެސް އެ ސާވޭގައި ވަނީ މައުލޫމާތު އެއްކޮށްފަ އެވެ. އެގޮތުން ސާވޭގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން ފަސް ޕަސެންޓް މީހުން އެމީހުންނަށް ކޮންމެ ދުވަހަކު ވެސް ނޫސްވެރިއެއްގެ ދައުރު އަދާކުރުމުގައި ތްރެޓްތަކެއް ކުރިމަތިވާ ކަމަށް ބުނެފައިވެ އެވެ. އަދި 60 ޕަސެންޓް ނޫސްވެރިންނަށް ބައެއް ފަހަރު ތްރެޓް ކުރިމަތި ވާ ކަމަށް ބުނާއިރު، 19 ޕަސެންޓް މީހުން ބުނަނީ މަދުން ނަމަވެސް ތްރެޓް ކުރިމަތިވާ ކަމަށެވެ.

އެއްވެސް ވަރަކަށް ތްރެޓެއް ކުރިމަތިވެފައި ނުވާ ކަމަށް އެ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 16 ޕަސެންޓް މީހުން ބުނެއެވެ.

ތްރެޓް ކުރިމަތިވާ ގޮތްތަކަށް އެ ސާވޭގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން 20 ޕަސެންޓް ނޫސްވެރިން ބުނަނީ އެމީހުންނަށް ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމަށް ތްރެޓް ކުރިމަތިކުރުވަނީ ފެނިގެން ކަމަށެވެ. އަދި 18 ޕަސެންޓް ނޫސްވެރިން އެމީހުންނަށް ތްރެޓް ކުރިމަތިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށް ބުނާއިރު، 15 ޕަސެންޓް ނޫސްވެރިން ބުނަނީ އެ މީހުންނަށް ތްރެޓް އަންނަނީ ޓެލެފޯނުން މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން، 12 ޕަސެންޓް ނޫސްވެރިންނަށް ތްރެޓް އައިސްފައިވަނީ މަސައްކަތްކުރާ ސްޓޭޝަނަށް ހަމަލާ ދީގެން ކަމަށް ބުނެފައިވާއިރު ފާރަލައިގެންނާއި، ލައިވް އިވެންޓްތަކުންނާއި ސްޓޭޝަނަށް ވަދެ ތްރެޓް ކުރިމަތިކުރުވުމާއި، އާއިލާއަށް ބިރުދައްކައިގެންވެސް ތްރެޓް ކުރުވާ ކަމަށް އެ ސާވޭގަައި ބައިވެރިވި ނޫސްވެރިން ބުނެފައިވެ އެވެ.