ދިމިޝްގު (އެޕްރީލް 29) : އަންނަ ޖޫންމަހުގެ 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ރިޔާސީ އިންތިޚާބަށް ރައީސް ބައްޝާރުލްއަސަދާ އެކު 11 ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ކަމަށް އެގައުމުގެ ދަސްތޫރީ އެންމެ މަތީ ކޯޓުން ބުނެފި އެވެ.

ސޫރިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ 11 ކެންޑިޑޭޓުންގެ ތެރޭގައި ދެ އަންހެނުންނާއި ނަސާރާ ދީނަށް ނިސްބަތްވާ ކެންޑިޑޭޓަކު ވެސް ހިމެނެ އެވެ. ނަމަވެސް ސޫރިޔާގެ ގާނޫނު އަސާސީގައި އެގައުމުގެ ރައީސަކަށްވާން ޖެހޭނީ މުސްލިމެއް ކަމަށް ސީދާ ގޮތެއްގައި ބުނެފައިވެ އެވެ. މިއީ އެއްކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާގޮތަށް ސޫރިޔާގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ. ނަމަވެސް މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރްސަތު ސޫރިޔާގައި ނެތުމުން މިއިންތިޚާބު ވަރަށް ފަސޭހަކަމާ އެކު ރައީސް ބައްޝާރުލްއަސަދު ކާމިޔާބު ކުރައްވާނެ ކަމަށްވަނީ ބެލެވިފަ އެވެ.

ހަތް އަހަރުގެ ރިޔާސީ ތިންވަނަ ދައުރަކަށް ބައްޝާރު ކުރިމަތިލެއްވުމަކީ ބައްޝާރުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި އެހަނގުރާމަވެރިންނަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކާއި ބައެއް އަރަބި އަދި އިސްލާމީ ގައުމުތަކަށް ގޮންޖައްސަވައި ބައްޝާރު އެޅުއްވި ފިޔަވަޅެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. ސޫރިޔާގެ ރިޔާސަތަށް ބައްޝާރު ކުރިމަތިލެއްވި ލެއްވުމާ ދެކޮޅަށް އެގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކުންނާއި އެމެރިކާއާއި އދ. އާއި އަދި އަރަބި ލީގުން ވަނީ ބަޔާންތައް ނެރެފަ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބަކީ ބައްޝާރާއި އޭނާގެ އާއިލާއިން ކުޅޭ ކުޅިގަނޑެއް ކަމަށާ މިކުޅިގަނޑަށް 44 އަހަރުވެފައިވާ ކަމުގަ އެވެ.

އެމެރިކާއާއި އދ. އާއި އަރަބި ލީގުން ބުނެފައި ވަނީ ބައްޝާރުގެ މިނިންމެވުމަކީ ސޫރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމުގެ ފުރްސަތު މުޅިން ގެއްލިގެން ދާނެ ކަމެއް ކަމުގައެވެ. ބައްޝާރުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން އިދިކޮޅު ހަނަގުރާމަވެރިންގެ ބާރުކުޑަވެ ބައްޝާރުގެ ސިފައިންގެ ބާރު ސޫރިޔާގައި ވަނީ ގަދަވާންފަށާފަ އެވެ. ހަނގުރާމަވެރިންގެ އަމާޒަކަށް ބައްޝާރުގެ ސިފައިންގެ ބަދަލުގައި މިހާރުވެފައި ވަނީ އެމީހުންގެ ތެރޭގައި ހިމެނޭ ވާދަވެރި ޖަމާއަތްތަކެވެ. ނަތީޖާއެއްގެ ގޮތުން ހަނގުރާމަވެރިން ބަލިކަށިވެ އެމީހުންގެ އަތްދަށުގައި ކުރިންއޮތް އެތައް ރަށެއް އަލުން އަނބުރައި ސަރުކާރުގެ އަތްދަށަށް ގެންދިޔުމުގައި ސޫރިޔާ ސިފައިންވަނީ ނާކާމިޔާބުވެފަ އެވެ.

އަނެއްކޮޅުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްމައްޗަށް ސޫރިޔާ ގޮސްފި ނަމަ އެގައުމުގެ ހާލަތު މިހާރަށް ވުރެ ގޯސްވެ މުޅި ސޫރިޔާ ރޫޅިބައިބައިވެގެންދާނެ ކަމަށް ބެލެވިފައިވުމަކީވެސް ހަނގުރާމަވެރިންނަށް ކުރިންކުރި އިތުބާރު މިހާރު ގެއްލިގެން ދިޔުމުގެ މައިގަނޑު ސަބަބަކަށްވަނީ ވެފަ އެވެ. މިއިތުބާރު ގެއްލިފައި ވަނީ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްގާއިދާއަށް ނިސްބަތްވާ ހަރުކަށި ޖަމާއަތްތަކުގެ ދެމެދުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ތަޅާފޮޅުންތަކުގެ ސަބަބުންނެވެ. ހަނގުރާމަވެރިންގެ ހާލަތު މިގޮތަށްހުރިއިރު ސޫރިޔާގެ ރައްޔިތުންނަށްޓަކައި އެމީހުންނަށް ކޮށްދެވޭނީ ކޮންކަމެއް ކަމުގެ ސުވާލުވަނީ އުފެދިފަ އެވެ. (އަލްޖަޒީރާ)