ކެރަމް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނަށް މިއަހަރު 1.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ކެރަމް އެސޯސިއޭޝަނުގެ ރައީސް އަހްމަދު މުބީން ވިދާޅުވީ، އިއްޔެ ބޭއްވި އަހަރީ ޖަލްސާގައި ބަޖެޓް ފާސްކުރުމުގެ އިތުރުން ގިނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.

"ޖަލްސާގައި އަޅުގަނޑުމެން ނިންމީ 2014 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، މިދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި، އޭގެ އިތުރުން އޮޑިޓަރެއް އައްޔަން ކުރުން،" ކެރަމް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ކެރަމް އެސޯސިއޭޝަނުގެ ހަރަކާތްތައް އޮޑިޓްކުރުމަށް އޮޑިޓަރެއް އައްޔަންކުރި އިރު، ކެރަމް އެސޯސިއޭޝަނުން ވަނީ ކުރިން އިންޓާނަލީ އޮޑިޓެއް ކޮށްފަ އެވެ. މުބީން ވިދާޅުވީ، އޮޑިޓަރު އެ އޮޑިޓް އަލުން ބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މިދިޔަ އަހަރު އިންޓާނަލީ އޮޑިޓެއް ކޮށްފަ، އެހެންވީމަ އެ އޮޑިޓް އަލުން ރިވައިސް ކުރާނެ. އޮޑިޓަރުގެ މަސައްކަތް ރަސްމީކޮށް ހަމަޖެހިގެން، ފެށުނީމަ އޮޑިޓް ކުރުމުގެ ކަންތައް ކުރިއަށް ދާނެ. އޮޑިޓަރަކަށް ހަމަޖެއްސީ ސެޓިފައިޑް އޮޑިޓަރެއް،" އޭނާ ވިދާޅުވި އެވެ.

ކެރަމް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ ނުވަތަ އެނުއަލް ޖެނެރަލް މީޓިންގް (އޭޖީއެމް) އިއްޔެ ބޭއްވީ ކުރިން ބާއްވަން އޮތް ތާރީހަށް ވުރެ ލަހުންނެވެ.

"އޭޖީއެމް ބޭއްވުމުގައި ދަތިތަކެއް ހުރީމަ އަޅުގަނޑުމެން ހޯމް މިނިސްޓްރީގައި އެދުނީ ލަސްކޮށްދިނުމަށް. އެކަމުގެ ހުއްދަ ހޯމް މިނިސްޓްރީން އަޅުގަނޑުމެންނަށް ދެއްވީމަ އަޅުގަނޑުމެން ލަސްކުރީ. އެގޮތުން ހޯމް މިނިސްޓްރީން އަޅުގަނޑުމެންނަށް ހުއްދަ ދެއްވީ 30 އޭފްރީލްގެ ކުރިން އޭޖީއެމް ބޭއްވާ ގޮތަށް،" މުބީން ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ކެރަމް އެސޯސިއޭޝަންގެ އޭޖީއެމް ބާއްވަން ފުރަތަމަ ހަމަޖެއްސީ މިމަހުގެ 27 ވަނަ ދުވަހުގެ ރެއަށެވެ. އެހެން ނަމަވެސް އެރޭ ބައްދަލުވުން ނުބޭއްވުނީ، ކޯރަމް (އެކްސްކޯ މެންބަރުންނާ އެކު 9 މެންބަރުން) ހަމަނުވެގެންނެވެ.