30 Apr 2014, 13:14
އިނގިލީގެ ހަރަކާތްތައް ބޭނުން ކޮށްގެން މޮބައިލް ފޯން، ކޮމްޕިއުޓަރ، އަދި އެހެނިހިން އިލެކްޓްރޯނިކް ސާމާނު ކޮންޓްރޯލް ކުރެވޭ އަނގޮޓިއެއް، އެމެރިކާގެ އިންޖިނަރުން ތަކެއް އުފައްދައިފި އެވެ.
“ނޮޑް” ގެ ނަން ދެވިފައިވާ މި އަނގޮޓި ބޭނުން ކުރަނީ ބްލޫޓޫތު ޓެކްނޮލޮޖީއެވެ. އަނގޮޓި އަޅައިގެން ހުންނަ މީހަކަށް ގެސްޗަރސް، ނުވަތަ އިނގިލީގެ ހަރަކާތްތައް ބޭނުންކޮށްގެން ފޯނު، ލެޕްޓޮޕް އަދި އެހެނިހެން ތަކެތި ކޮންޓްރޯލް ކުރެވެއެވެ.
ޓަޗް ސްކްރީންގައި އިނގިލި ޖައްސާލައިގެން ޓެބްލެޓް ނުވަތަ ފޯނު ކޮންޓްރޯލް ކުރާ ގޮތައް، ނަމަވެސް އެއާ ހިލާފަށް އެއްޗެއްގައި އިންގިލި ޖެއްސުމުގެ ބަދަލުގައި ވައިގެތެރޭގައި އިނގިލި ގެންގުޅެލާ ގޮތަކުން، ނުވަތަ އަޅާލާ އަކުރަކުން، ފޯނު ނުވަތަ ލެޕްޓޮޕް އަދި ޓީވީ ވެސް މި އަނގޮޓިން ކޮންޓްރޯލް ކުރެވިދާނެއެވެ.
ބްލޫޓޫތު ނުހުންނަ ޑިވައިސްތައް ވެސް މި އަނގޮޓިން ކޮންޓްރޯލް ކުރެވެއެވެ. ސްމާޓް ޓީވީ ފަދަ ތަކެތި ކޮންޓްރޯލް ކުރުމަށްޓަކައި ނޮޑް ފުރަތަމަ ގުޅާލަންޖެހެނީ (ބްލޫޓޫތު މެދުވެރިކޮށް) ފޯނާއެވެ. އަދި ފޯނު ކަނެކްޓް ވެފައިވާ ވައިފައި ނެޓްވާކް ބޭނުންކޮށްގެން އެ ނެޓްވާކްގައި ވާ ޓީވީ ކޮންޓްރޯލް ކުރެވެއެވެ. މިގޮތަށް، އެއް ވައިފައި ނެޓްވާކްއެއްގެ ތެރޭގައިވާ އެހެނިހެން އިލެކްޓްރޯނިކް ސާމާނުވެސް ކޮންޓްރޯލް ކުރެވޭ ގޮތަށް މި އަނގޮޓި ޕްރޮގްރާމް ކުރެވިދާނެ ކަމަށް ނޮޑް ގެ އިންޖިނައިރުން ބުނެއެވެ.
މި އަނގޮޓީގެ އެއް ފަރާތުގައި ފަތާކޮށް ހުންނަ ކެޕޭސިޓޭޓިވް ޕެނަލް އެއް ހުރެއެވެ. އަނގޮޓި އަޅަން ޖެހެނީ ފަތާކޮށް ހުންނަ ބައި އަތުގެ އެތެރެއަށް ވާ ގޮތަށެވެ. ބޭނުމަކީ ފަތާކޮށް ހުނަން ބައިގައި އިނގިލި ޖައްސާލައިގެން އިތުރު ގޮތްގޮތައް ތަކެތި ކޮންޓްރޯލް ކުރުމެވެ. މިސާލަކަށް، އިންގިލީގެ ހަރަކާތްތައް ބޭނުން ނުކޮށް ޓީވީގެ އަޑުކޮންޓްރޯލް ކުރަން ބޭނުންނަމަ، ކަށި އިނގިލީގައި އަނގޮޓި އަޅައިގެން އިނދެ ބޮޑުވައި އިނގިލި އަނގޮޓީގެ ފަތާ ބައިގައި ޖައްސާލައިގެން ޓީވީގެ އަޑު ގަދަކޮށް، މަޑުކޮށް ހެދިދާނެއެވެ.
ނޮޑް ހަދާފައި ވަނީ ފެން ނޭޅޭ ގޮތަށް، ކަޅު ޕްލާސްޓިކަކުންނެވެ. ގާތްގަނޑަކަށް އެއް ދުވަސް ވަންދެން މި އަނގޮޓީގެ ބެޓަރީ ހުސްނުވެހިފަހައްޓައެވެ. އަދި ފޮއްޓެއްގެ ތެރޭގައި ބާއްވާލައިގެން އަނގޮޓި ފަސޭހައިން ޗާޖުކޮށްލެވެއެވެ.
ނޮޑް ބޭނުންކޮށްގެން ކުރެވޭ ކަންކަން ވަރަށްވެސް ގިނައެވެ. މިސާލަކަށް، އިނގިލީގެ ހަރަކާތްތައް ބޭނުންކޮށްގެން ޓެބްލެޓް ފަދަ އެއްޗެހީގައި ޓައިޕްކުރުން، އިންޓަނެޓް އަށް ވަދެ ވެބް ބަރައުޒް ކުރުން، ފޯނަށް ޖަވާބުދިނުން އަދި ޓެބްލެޓް އާއި ފޯނުތަކުގައި ގޭމް ކުޅުން ފަދަ ކަންކަންވެސް ނޮޑް މެދުވެރިކޮށް ކުރެވިދާނެއެވެ.
ހަމަ އެހެންމެ، ސްމާޓްފޯނުން “ސެލްފީ” ނަގަންވެސް ނޮޑް ބޭނުންކުރެވިދާނެ ކަމަށް މި އަނގޮޓީގެ މަސްއޫލުވެރިން ބުނެއެވެ. ނޮޑް ބޭނުން ކުރުމަށްޓަކައި ބޭނުން ވަނީ ޑިވައިސް އެއްގައި ވައިފައި ނުވަތަ ބްލޫޓުތުއާ ގުޅާލުމުގެ ގާބިލުކަމެވެ. އެހެންކަމުން މި އަނގޮޓި ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ކުރެވުން އެކަށީގެންވެއެވެ.
މި އަނގޮޓި ބާޒާރަށް ނުކުންނާނީ އެކި ސައިޒުތަކުގައި، އަންހެނުންނާ ފިރިހެނުންނަށްވެސް އަޅާލެވޭ ގޮތަށެވެ. 149 އެމެރިކާ ޑޮލަރަށް ވިއްކާ މި އިލްކްޓްރޯނިކް އަނގޮޓި އަށް ޕްރީ-އޯޑަރ ނަގަން ފަށާފައި ވާ އިރު، އޯޑަރު ދޭ ފަރާތްތަކަށް މި އަހަރު ސެޕްޓެމްބަރު މަހު އަނގޮޓިލިބޭ ވަރު ވާނެކަމަށް ނޮޑް އުފައްދާ ފަރާތުން ވަނީ ބުނެފައެވެ.
https://www.youtube.com/watch?v=dy-Ac9X9oSo