އަންނަ މަހުގެ އެކަކުން ފެށިގެން (މިރޭ 12:00 ފެށިގެން) ވިއްކާ ބިންތަކާއި ފުލެޓްތަކުން ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނަގަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވުމުން، ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނެގުން ލާޒިމްވެއްޖެ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިއަހަރުގެ ފެބްރުއަރީ މަހު މަޖިލީހުން ގެނެސްފައިވާ ފުރަތަމަ އިސްލާހުގައިވާ ގޮތުން އަންނަ މަހުގެ އެކަކުން ފެށިގެން ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނޭ ގޯތިގެދޮރާއި ބިންތައް ގަނެވިއްކާނަމަ ޖީއެސްޓީ ނަގަންޖެހެ އެވެ. ސަރުކާރުން ވިއްކާ ފުލެޓްތަކާއި ބިންތަކުން ޖީއެސްޓީ ނެގުން އެ ގާނޫނުގައި އިސްތިސްނާކޮށްފައެއް ނުވެ އެވެ.

ނަމަވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ސަރުކާރު ވިއްކާ ބިންތަކާއި ފުލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަން ހުށަހަޅާފަ އެވެ.

މާވަށު ދާއިރާގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލުގެ މަގުސަދެއް ކަމުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަންޖެހޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ޖީއެސްޓީ ނެގުން އިސްތިސްނާވާ ދެ ހާލަތެއް ބަޔާންކޮށްފަ އެވެ. އެއީ ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނުނެގޭނެ ކަމަށެވެ.

ވިއްކާ ފްލެޓްތަކާއި ބިންތަކުން މާދަމާ ޖީއެސްޓީ ނަގަން ފަށާއިރު، މުވާސަލާތީ ހިދުމަތްތަކުން ވެސް މިރޭ 12:00 ފެށިގެން ޖީއެސްޓީ ނަގަން ފަށާނެވެ.