ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކައުންސިލް އިންތިހާބު ކާމިޔާބުކުރާ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ މެމްބަރަކު ކައުންސިލުން ވަކިވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ޑީއާރުޕީގެ މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ހުށަހެޅުއްވި މި އިސްލާހު ފާސްވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ.


އެ އިސްލާހްގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ އިރު ބައެއް މެންބަރުން ވަނީ އިސްލާހަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.


އެމްޑީޕީގެ ޗެއާޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ އޮތީ ޕާޓީން ބަދަލު ކުރެވޭ ގޮތަށް އޮތުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށާއި ބަނދެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި އެ އިސްލާހަށް ވޯޓް ވެސް ނުދެއްވާނެ ކަމަށެވެ.