14:30


މޫސުމީ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ އާތު އަވާގައި 125 ގައުމަކުން އެތައް މިލިއަން ބަޔަކު ބައިވެރިވާނެ އެވެ.


ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ގަޑިން ރޭގަނޑު 8.30 އިން ފެށިގެން 9.30 އަށް ބޮކިތައް ނިއްވާލުމުގެ މި ހަރަކާތް "އާތު އަވަރ" ގެ ނަމުގައި އެންމެ ފުރަތަމަ ފަށާފައި ވަނީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެފަހަރު ގޭގެ އާއި އޮފީސް އަދި ފިހާރަތަކުން 2.2 މިލިއަން މީހުން އެއް ގަޑިއިރަށް ބޮކިތައް ނިއްވާލާފައިވެ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު އާތު އަވާގެ މަގްބޫލުކަން އިތުރުވެ، 50 ގައުމަކުން 35 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އަދި އާތު އަވާ 2009 ގައި ދުނިޔޭގެ 88 ގައުމަކުން ބައިވެރިވެފައިވާއިރު، 4000 އަށް ވުރެ ގިނަ ސިޓީތަކުގައި ވެސް ވަނީ މިކަން ފާހަގަކޮށްފަ އެވެ.


މި މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު 73 ގައުމަކުން އާތްއަވަރ ފާހަގަކުރުމުގައި ބައިވެރިވެފަވެ އެވެ.


މިއަދު ފަހާގަކުރާ "އާތު އަވަރ" ގައި ދުނިޔޭގެ ބައެއް މަޝްއޫރު ބިނާތަކާއި ތަންތަނުންވެސް ބޮކިތައް ނިއްވާލާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ރިޔާސީ ގަނޑުވަރު ބަކިންހަމް ޕެލަސްއާއި، ޤާނޫނު ހަދާ މަޖިލީހުގެ ބޮކިތައް ނިއްވާލާއިރު، ޕެރިސްގެ އީފިލް ޓަވާ އާއި، މިސްރުގެ ޕިރަމިޑްތަކާއި، ބެއިޖިންގެ ފޯބިޑަން ސިޓީއާއި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާގެ އިތުރުން އެތަކެއް މުހިންމު ބިނާތަކުން ވެސް ބޮކިތައް ނިއްވާލާ އަނދިރިކަމުގެ ތެރެއަށް ދާނެ ކަމަށް އާތު އަވރ ވެބްސައިޓުގައިވެ އެވެ. ހަމައެއާއެކު، ކޮކަ ކޯލާއާއި، ހިލްޓަންއާއި، ގޫގުލް އަދި އެޗް.އެސް.ބީ.ސީ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އޮފީސްތަކުން ވެސް އެއް ގަޑިއިރަށް ބޮކިތައް ނިއްވާލާ، އާތު އަވާގައި ބައިވެރިވާނެ އެވެ. މި ހަރަކާތުން އެންމެންވެސް ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ މޫސުމޫ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭނެކަން ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.