ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުން ޖާގައެއް ހޯދުމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްއާ ދެކޮޅަށް ރެއާލް މެޑްރިޑް ދެއްކި ކުޅުމަށް އެ ކްލަބުގެ ކޯޗު ކާލޯ އަންޗެލޮޓީ ތައުރީފުކޮށްފި އެވެ.

ރެއާލްއަށް ފައިނަލުން ޖާގައެއް ލިބުނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސާޖިއޯ ރާމޯސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ، މި އިން ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކުރި ދެ ލަނޑާއެކު އެވެ. ބަޔާންގެ އާލިއަންޒް އެރީނާގައި ކުޅުނު މެޗުން ފަސޭހަކަމާއެކު 4-0 ލަނޑުން މޮޅުވެ، ރެއާލް ފައިނަލަށް ދަތުރުކުރީ 5-0 ލަނޑުގެ އެގްރިގޭޓުންނެވެ.

"އަހަރެމެންގެ ފަރާތުން އެ ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް، ހާއްސަކޮށް ފުރަތަމަ ހާފުގައި. މެޗުގައި އަހަރެމެން ރަނގަޅަށް ޑިފެންސްކޮށް، ފައިދާހުރި ގޮތެއްގައި އެޓޭކް ކުރިން،" ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ. "އެންމެ ފަހުގެ ޗެމްޕިއަން ބަލިކުރެވުމުގެ ސަބަބުން އަހަރެމެން މިހިރީ ވަރަށް އުފާވެފަ،"

ފުރަތަމަ ހާފުގައި ރާމޯސްގެ ދެ ލަނޑާއި ރޮނާލްޑޯގެ ލަނޑެއް ފެނިގެންދިޔަ އިރު، ރޮނާލްޑޯގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ހިލޭ ޖެހުމަކުންނެވެ. ލޫކާ މޮޑްރިޗް ނެގި ކޯނަރަކުން ރާމޯސް ފުރަތަމަ ލަނޑު ކާމިޔާބުކުރި އިރު، އޭނާ ދެވަނަ ލަނޑު ޖެހީ އެންޖެލް ޑި މަރީއާ ހިލޭ ޖެހުމަކުން ނެގި ހުރަހަކުންނެވެ. އަދި ރޮނާލްޑޯގެ ފުރަތަމަ ލަނޑު ޖެހީ ގެރެތު ބޭލް ދިން ބޯޅައަކުންނެވެ.

"މެޗުގައި ގެރެތު ބޭލް، ކަރިމް ބެންޒެމާ އަދި ރޮނާލްޑޯ ދެއްކީ ވަރަށް މޮޅު ކުޅުމެއް،" ރެއާލްގެ ކޯޗު ބުންޏެވެ. "އަހަރެމެން ފައިނަލަށް ދަތުރުކުރުމުން ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އަހަރެމެންނަށް މަރުހަބާ ކިޔައިފަ. ޒަބީ އަލޮންސޯ އަށް ދެއްކި ރީނދޫ ކާޑަކީ ރަނގަޅު ކާޑެއް ނޫން. ފައިނަލު މެޗަށް އޭނާ ސަސްޕެންޑް ވުމަކީ ހިތާމަ ހުރި ކަމެއް."