30 Apr 2014, 12:56
ޔުވެންޓަސް ކުޅޭ މެޗުތައް ނުބެލުމަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު އެލެޖެންޑްރޯ ސަބެއްލާ އަށް ގޮވާލައި އޭނާ އަށް އާޖެންޓީނާ ފޯވަޑް ކާލޮސް ޓެވޭޒް ޖޯކު ޖަހައިފި އެވެ.
އެންމެ ފަހުން އާޖެންޓީނާ ގައުމީ ޓީމުން ޓެވޭޒް އަށް ފުރުސަތު ލިބިފައި ވަނީ 2011 ވަނަ އަހަރު އެވެ. ކުރީގެ މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޓެވޭޒްގެ ބަދަލުގައި އާޖެންޓީނާ ޓީމުން މިހާރު އާންމުކޮށް ފެންނަމުންދަނީ ލިއޮނެލް މެސީ އާއި ގޮންޒާލޯ ހިގައިން އާއި ސާޖިއޯ އަގުއެރޯ އާއި އެޒެކުއިލް ލަވޭޒީ އަދި ރޮޑްރިގޯ ޕަލާސިއޯ އެވެ.
މި ސީޒަނުގެ އިޓާލިއަން ސެރީއާގައި މިހާތަނަށް 18 ލަނޑު ކާމިޔާބުކުރި ޓެވޭޒް، އަލުން ސްކޮޑަށް ނެގުމަށް ގިނަ ފަރާތްތަކުން އެދިފައިވީ ނަމަވެސް އެކަމާ ބެހޭގޮތުން މީޑިއާގައި ސަބެއްލާ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ލީގު ތަށި ނެގުމުގެ މަސައްކަތުގައި އުޅޭ ޔުވެންޓަސްގެ އެންމެ ފާހަގަކޮށްލެވޭ އަދި މުހިންމު އެއް ކުޅުންތެރިއަކީ ޓެވޭޒް އެވެ.
"އަހަރެންނަށް ހިއެއް ނުވޭ އާޖެންޓީނާގެ ކޯޗު ޔުވެންޓަސް މެޗު ބަލަން ވަކިން ސެޓެލައިޓް ޓީވީއެއް ގެންގުޅޭނެ ހެނެއް. އެ މެޗުތައް ނުބެލުމަށް އަހަރެން ސަބެއްލާ އަށް އެދެން، " ޓެވޭޒް ބުންޏެވެ. " ވޯލްޑް ކަޕުގައި އަހަރެން ފެނިދާނެ ކަމުގެ އުންމީދެއް ނެތް. ޖާގަ ނުދެނީ އަހަރެންނަކީ ފޯވަޑަކަށް ވީމަ ކަމަށް ވެދާނެ،"
އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގައި އާޖެންޓީނާ އޮތީ ބޮސްނިއާ އެންޑް ހެޒެގޮވީނިއާ އާއި ނައިޖީރިއާ އަދި އީރާން އާއެކު ގްރޫޕް އެފްގަ އެވެ.