މިރޭ 12:00 ފެށިގެން މުއާސަލާތީ ހިދުމަތްތަކުން ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ނަގަން ފެށާނެ އެވެ.

މެއި 1، 2014 ވަނަ ދުވަހުން ފެށިގެން މުއާސަލާތީ ހިދުމަތުން ޓެކްސް ނަގާ ގޮތަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގަވާއިދަށް އިސްލާހުކޮށް މިހާރު ވަނީ ގެޒެޓްކޮށްފަ އެވެ.

ގެޒެޓްކޮށްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުން މީގެ ކުރިން ޖީއެސްޓީ ނުނެގުމަށް ހިމަނާފައިވާ ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ޓެކުސް ނެގުމަށް ވަނީ ހިމަނާފަ އެވެ.

ގެޒެޓްގައި ބުނެފައި ވަނީ އެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ މެއި މަހުން ފެށިގެން ކަމަށެވެ. ޓެކުސް ނަގާނީ ޖީއެސްޓީނަގާ ޕަސެންޓުންނެވެ. އެއީ ހަ ޕަސެންޓެވެ. ނަމަވެސް ޓީޖީއެސްޓީ ނަގާ ތަންތަނުން ނަގާނީ ޓީޖީއެސްޓީ ނަގާ މިންވަރެވެ.

މުއާސަލާތީ ހިދުމަތުން ޓެކުސް ނަގަން ފެށުމުން މި އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 110 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މީރާ އިން އަންދާޒާކޮށްފައިވެ އެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކުސްގެ ތެރެއަށް މުއާސަލާތީ ހިދުމަތް ހިމަނުއްވާފައިވާފައި ވަނީ މިސަރުކާރުން އާމުދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ.