ރޭ ބޭއްވި އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސްގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފަރާތަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އަރަމުން އަންނަ އެއްތަރި، ރަވީ ފާރޫގެ އެވެ. ދިވެހި ފިލްމް އިންޑްސްޓްރީގައި ދެވޭ އެންމެ އަގު ބޮޑު އެވޯޑް ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑް ރަވީގެ "އިނގިލި ކުރިން" ހިއްލާލީ 10 އެވޯޑާއެކުގަ އެވެ.

ޖުމްލަ ހަ ފިލްމެއްގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑެތި އެ ވޯޑްތައް ގެންދިޔައީ "އިނގިލީ"ގެ ތެރެއިންނެވެ. އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެ ވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އިނގިލިން ހިއްލާލިއިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހިފައިގެން ނިކުތީ ރަވީ ފާރޫގް ހަމަ މި ފިލްމުންނެވެ.

ފީޗާ ފިލްމް ބައިން އެންމެ މޮޅު ސައުންޑް މިކްސިން އެވޯޑް ޒުވާން ފަންނާނު މުހައްމަދު އިކްރާމް އިނގިލިން ގެންދިޔައިރު އެ ފިލްމުން އެންމެ މޮޅު ސައުންޑް އެޑިޑިން އެވޯޑާއި އެންމެ މޮޅު ސްކޯ އެވޯޑް ވެސް އިކްރާމް ވަނީ ހިއްލާލައިފަ އެވެ. އެންމެ މޮޅު އާޓް ޑައިރެކްޝަންގެ ބައިންންވެސް އެ ފިލް ވަނީ އެވޯޑް ގެންގޮސްފަ އެވެ.

އެއަށްފަހު އިނގިލިން އެންމެ މޮޅު ސިނެމެޓޯގްރެފީ އެވޯޑް ހުސެއިން މުނައްވަރު ހިއްލާލިއިރު އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް މަހުދީ އަހުމަދު ނެގީވެސް ހަމަ އިނގިލިންނެވެ. އެ ވަރަކުން ފުއްދައެއްނުލަ އެވެ. އެންމެ މޮޅު ފިރިހެން އާ ތަރީގެ އެ ވޯޑް އަލީ ސޮފީހު ސާމިރު ގެންދިޔައިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެ ވޯޑް އަބްދުﷲ މުއާޒް ގެއަށް ގެންދިޔައީ ވެސް އިނގިލިންނެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި ހަރަކާތެރިވާ ފަންނާނުންގެ އަގުވަޒަންކުރުމަށް 2011 ވަނަ އަހަރު ތައާރަފްކުރި މޯލްޑިވްސް ފިލްމް އެވޯޑްސް ބާއްވާ މިއީ ތިންވަނަ ފަހަރު ކަމަށްވިއަސް މިއީ ރަވީއަށާއި އޭނާގެ ޓީމަށް ލިބުން މި ފަދަ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ބުނެވިދާނެ އެވެ.

ރޭގެ އެވޯޑު ނައިޓުގައި އިނގިލީގެ ބޭރުން އެންމެ މޮޅު އަންހެން ތަރިއަކަށް ނިއުމާ މުހައްމަދު ހޮވުނުކަން ފާހަގަކޮށްލަންޖެހެ އެވެ. މިއީ އޭނާގެ ފިލްމީ ދާއިރާއިން ލިބުން 11 ވަނަ އެވޯޑެވެ. އަދި ފިލްމީ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ ފާއިތުވީ 24 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފިލްމީދާއިރާއަށް އަގު ނުކުރެވޭފަދަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކޮކޯ ހަސަން ހަލީމެވެ.