30 Apr 2014, 12:16
ޓްރިޕޮލީ (އެޕްރީލް 30) : ލީބިޔާގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކު އެގައުމުގެ ޕާލަމެންޓަށް ހަތިޔާރާ އެކު ވަދެގަނެ ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕާލަމެންޓްގައި ބާއްވަމުން ގެންދިޔަ ޖަލްސާ ބިރުދައްކައިގެން ހުއްޓުވައިފި އެވެ.
ލީބިޔާގެ ޕާލެމްންޓްގެ ތަރްޖަމާން ޢުމަރު ހަމީދާން ވިދާޅުވީ ޕާލަމެންޓަށް ގަދަބާރުން ހަނގުރާމަވެރިން ވަދެގަނެ ބަޑިން ބިރުދެއްކުމާ އެކު ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕާލަމެންޓްގައި ކުރިޔަށް ދިޔަ ޖަލްސާ ދޫކޮށް މެންބަރުން ބިރުވެރިކަމާ އެކު އެ ޢިމާރާތުން ނުކުމެގެން ގޮސްފައިވާ ކަމަށާއި ޕާލަމެންޓް އިމާރާތުގެ ތެރޭގައި ވެސް ހަނގުރާމަވެރިން ބަޑިން ޙަމަލާ ދީފައިވާ ކަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލީބިޔާގެ ސަރުކާރަށް ނުކިޔަމަންތެރި ހަނގުރާމަވެރިން ޕާލަމެންޓް އިމާރާތަށް ވަދެގެންފައި ވަނީ އެއިމާރާތް ބަލަހައްޓަންތިބި ލީބިޔާ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ގަދަވެގަތުމަށްފަހުގަ އެވެ. ޕާލަމެންޓުން ބޭރުގައި ލީބިޔާ ސަރުކާރުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އުމަރު ހަމީދާން ވިދާޅުވީ މިހާދިސާއާ ގުޅިގެން ބޮޑުވަޒީރަކު އިންތިޚާބު ކުރުމުގެ މަސައްކަތް އަންނަ ހަފްތާ އަށް ފަސްކުރެވިފައިވާ ކަމުގައެވެ. ލީބިޔާގެ ބޮޑުވަޒީރު ޢަބްދުﷲ އައްޘަނީ އެމަގާމަށް އިންތިޚާބު ކުރިތާ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވީ ލީބިޔާގައި މިނިވަންކަމާ އެކު ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކުން އޭނާގެ އާއިލާ އަށް ބިރު ދައްކަމުން ގެންދާތީ މަގަމުގައި ދެމިހުންނެވެން ނެތިގެން ކަމަށް އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޢަބްދުﷲ އައްޘަނީ ވިދާޅުވެފައިވެ އެވެ.
ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމަށް ފަހު ލީބިޔާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަކުރި ހަނގުރާމަވެރިން ހަތިޔާރު ބަހައްޓަން ދެކޮޅުހަދައި ހަތިޔާރުގެ ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ސިޔާސީ މަގްސަދްތައް ހާސިލް ކުރުމަށް ކުރަމުން ގެންދާ މައްސަލަ އެވެ. މިކަމުގެ ސަބަބުން ލީބިޔާގެ ހާލަތު ވަނީ ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރަށް ވުރެ އެތައް ގުނައެއް ގޯސްވެފަ އެވެ. ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިޔަ ދުވަސްވަރު ލީބިޔާގެ ސިފައިންގެ ލަޝްކަރުތައް ވަނީ ރޫޅިފަ އެވެ. (ރޮއިޓާސް)