30 Apr 2014, 12:02
މި އަހަރު ފުރަތަމަ ކުއާޓަރުގައި މިހާތަނަށް އާންމުކުރި 14 އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަ ކުރެވި، ދައުލަތަށް ލިބެންޖެހޭ 294 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައުލަތަށް ހޯދައިދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އޮޑިޓާ ޖެނެރަލް އަންގައިފި އެވެ.
އޮޑިޓް ރިޕޯޓްތަކާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މި ކުއާޓަރުގައި އާންމުކުރި އޮޑިޓް ރިޕޯޓްތަކުގައި ޖުމްލަ 163 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަތަކާ ގުޅިގެން 294،915،314 ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަރަދުކުރުމަށާއި ލިބޭފައިސާ ބަލައިގަނެ ހިސާބުތައް ބެލެހެއްޓުމުގައި އަދި މުދަލާއި ތަކެތި ބެލެހެއްޓުމުގައި ދައުލަތުން ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް 2،220،632،214 ރުފިޔާ މާލީ މުއާމަލާތް ހިންގާފައިވާ ކަން ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުންވަނީ 180 މުއައްސަސާއެއްގެ އޮޑިޓް މަސައްކަތް ކުރިޔަށް ގެންގޮސްފަ އެވެ.