ގިނައިން ފައިސާ ލިބޭ މީހުންނަށް ލިބޭ ކުދިން ދިރިހުރުމުގެ ފުރުސަތު ބޮޑު ކަމަށް ޔުނިސެފް އިން އާންމު ކުރި ރިޕޯޓަކުން ދައްކައިފި އެވެ.

ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިކުއިޓީ ނަޒަރަކުން ކުޑަކުދިންގެ ހާލަތަށް ބަލާފައިވާ އެ އެނަލިސިސް ރިޕޯޓުގައި ބުނެފައި ވަނީ، ފަސް އަހަރުން ދަށުގެ ކުދިން މަރުވާ އަދަދަށް ބަލާ އިރު ކިޔަވައިގެން ތިބޭ މީހުންގެ ދަރިން މަަރުވާ އަދަދު މަދު ކަމަށާއި ފަގީރަކަށް ލިބޭ ކުއްޖަކަށް ވުރެ ގިނައިން ފައިސާ ލިބޭ މީހުންގެ ދަރިން ދިރި ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފަސް އަހަރުން ދަށުގެ ކުޑަކުދިން މަރުވާ ގޮތުގެ ހިސާބުތަކަށް ބަލާ އިރު އެކަން ގުޅިފައި ވަނީ މާބަނޑު އިރު ޑޮކްޓަރަށް ދެއްކުމާއި ރަނގަޅަށް ކެއުމުގެ އިތުރުން ވެސް މުހިންމު އެތައް ކަމަކާ އެވެ. އެކަމަކު އެންމެ މުހިންމީ ކުއްޖާ އުފަންވާ ދުވަހުން ފެށިގެން ފުރަތަމަ 28 ދުވަސް ކަމަށް ވެސް އެ އެނަލިސިސްގައިވެ އެވެ.

ކުއްޖާ އުފަންވެ ފުރަތަމަ ދުވަސްކޮޅުގައި މަރުވާ ކުދިންގެ އަދަދު މާލޭގައި ގިނަ ކަމަށާއި އެންމެ ފަގީރު ހިސާބު ކަމަށްވާ އުތުރުގައި ވެސް މާލެއަށް ވުރެ މި އަދަދު ދަށް ކަމަށް އެނަލިސިސް އިން ދައްކަ އެވެ.

ސްކިލްޑް ބާު އެޓެންޑަންސް އެންމެ މަދީ ވެސް އުތުރުގައި ކަމަށްވެފައި އުތުރުގައި ވިހާ ކުދިންގެ ތެރެއިން މަރުވާ ކުދިން ދަށް ކަމަށް ދައްކަނީ މަރު ރިޕޯޓް ކުރާ މިންވަރު މަދުވުމުން ކަމަށްވުން އެކަށީގެންވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ކުޑަކުދިންގެ ނިއުޓްރިޝަންސް ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް އަންޑާ ނޯރިޝްޑް ނުވަތަ ނިއުޓްރިޝަންސް ހުންނަން ޖެހޭ މިންވަރަށް ވުރެ ދަށްކޮށް ތިބޭ ކުދިން ބަލައިގަނެވޭނެ ވަރަކަށް ވުރެ އިތުރު ކަމަަށް ޔުނިސެފުން ބުނެފައިވެ އެވެ.

ނިއުޓްރިޝަންސް ނުލިބުމުގެ ސަބަބުން ނުވަތަ މަދުވުމުގެ ސަބަބުން ކުޑަކުއްޖާ ދުޅަހެޔޮކޮށް ބޮޑުވުމަށް ހުރަސް އެޅިފައިވާ ކުދިންގެ އަދަދު ވެސް މަތި ކަމަށާއި ހިސާބުތަކުން ދައްކާ ގޮތުގައި 18.9 ޕަސެންޓް ކުދިންނަކީ އެފަދަ ހާލަތެއްގައި ތިބި ކުދިން ކަމަށާއި ނިއުޓްރިޝަންސް ނުލިބުމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެއްލުންތައް ނުވަތަ ބަދަލުތައް އައިސްފައި ހުރި ކުދިންގެ ޕަސެންޓަކީ 6.4 ކަމަށް ރިޕޯޓުގައި ބުނެ އެވެ.

ނިއުޓްރިޝަންސް ނުލިބުމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ބަދަލު ނުވަތަ ގެއްލުން ލިބިފައި ހުރި ކުދިން އެންމެ ގިނައީ މެދު އުތުރުގައި ކަމަށް ވެސް ޔުނިސެފުން ބުންޏެވެ.

އަންޑާ ނޯރިޝްޑް ނުވަތަ ނިއުޓްރިޝަންސް މަދު ކުދިން ވެސް މުއްސަނދިންގެ ތެރޭގައި މަދު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.