30 Apr 2014, 10:35
ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަނޑައެޅުމު"ގެ ގަވާއިދާ ހިލާފުވި 163 ތަނެއް މި އަހަރު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިއަހަރު މިހާތަނަށް އެ ގަވައިދާ ހިލާފުވި 163 ތަނެއް އެޗްޕީއޭ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެތަންތަން ޖޫރިމަނާކޮށްފައި ވަނީ އެކި އަދަދުތަކުން ކަމަށް ވިދާޅުވި އެވެ.
ފުރަތަމަ ފަހަރު ދުންފަތް މަނާ ލިޔުން ނުބަހައްޓާ ފަރާތްތައް 500 ރުފިޔާ ޖޫރިމަނާ ކުރާ އިރު ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ 5000 ރުފިޔާ އަށް ޖޫރިމަނާ ކުރެ އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ އެ ގަވައިދު ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު އެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ބޮޑު އެއްބާރު ލުމެއް ލިބެމުންދާ ކަމަށެވެ.
މިދިޔަ އަހަރު އަލަށް އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އެ މީހެއް 500 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވެސް އެ ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާ މެދު ތަފާތު އެތައް އަދަބެއް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވެ އެވެ.