28 Dec 2010, 10:06
ސްރިލާންކާގައި ސުވައިން ފުލޫ ފެތުރެމުން ދާތީ ދިވެހި ރާއްޖެ އަށް ސުވައިން ފުލޫ އަނެއްކާ ވެސް ފެތުރިދާނެކަމުގެ އިންޒާރު ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް [ސީސީއެޗްޑީސީ] އިން ދީފި އެވެ.
ސީސީއެޗްޑީސީގެ ފަރާތުން ވާހަކަ ދައްކެވި އެ ތަނުގެ މެޑިކަލް އޮފިސާ ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސްރީލަންކާގެ ކޮލަމްބޯއިން ސުވައިން ފުލޫޖެހިފައިވާ ގިނަ އަދަދެއްގެ މީހުން ފެނިފައިވާ ކަމަށެވެ. އަދި މި ދުވަސް ވަރަކީ ސްކޫލު ބަންދު ދުވަސްވަރު ކަމަށާއި ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާ އަށް ގޮސް އުޅޭ ދުވަސްވަރަކަށް ވާތީ ސްވައިން ފުލޫ ރާއްޖޭގައި އަނެއްކާ ވެސް ފެތުރުމަކީ ވަރަށް ވެސް ގާތުގައިވާ ކަމެއް ކަމަށެވެ.
ސީސީއެޗްޑީސީން އިއްޔެ ވަނީ ސުވައިން ފުލޫ އިން ރައްކާތެރިވުމަށް "ޑިސީސް އައުޓްބެރޭކް އެލާޓް" އެއްވެސް ނެރެފަ އެވެ.
"ޑިސީސް އައުޓްބެރޭކް އެލާޓް"ގައި ބުނެފައި ވަނީ ސްރީލަންކާގައި މިހާތަނަށް 342 މީހަކު ސްވައިން ފުލޫއަށް ޕްޒޮޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 22 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް 65 މީހަކަށް ސްވައިން ފުލޫ ޖެހިފައިވާ ކަމަށާއި އޭގެތެރެ އިން ނުވަ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން ސްވައިން ފުލޫ ފެނިފައި ވަނީ ވެސް ކޮލޮމްބޯއިން ކަމަށް ވެސް އޭގައިވެ އެވެ.
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހިންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވުމަށް ސީސީއެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެ އިން މިހާތަނަށް ސްވައިންފުލޫ އަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކު އަދި މިފަހަކުން ފެނިފައި ނުވާކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
ނަމަވެސް މިދިޔަ އަހަރު ރާއްޖޭގައި ފެތުރުނު ސުވައިން ފުލޫ ނުވަތަ އޫރު ރޯގާ ޖެހިގެން އުނގޫފާރުން 65 އަހަރުގެ މީހަކު މަރުވި އެވެ. އަދި އިންފްލުއެންޒާ އޭ އަށް 30 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވެފައިވާ އިރު އެޗްވަން އެންވަން އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް އަރި އެވެ. އަދި ސްވައިން ފުލޫގެ އަސަރު އޭރު ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކުން ފެނިފަ އެވެ. އަދި އެބަލި ފެނުނު ބައެއް ރަށްރަށަށް ޚާއްސަ ހުއްދައަކާ ނުލައި އެރުން ވެސް ސަރުކާރުން މަނާ ކުރި އެވެ.