30 Apr 2014, 10:17
ފުވައްމުލަކު ތިން މިސްކިތެއްގެ އާބާ ތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ފުވައްމުލަކު ދޫނޑިގަން އަވަށުން މާލިއްޔަތުގެ ގަވާއިދާ ހިލާފަށް 54،900 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން މިއަދު އާންމު ކުރި ފުވައްމުލަކު ދޫނޑިގަން ކައުންސިލް އިދާރާގެ 2012 ވަނަ އަހަރުގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ތިން މިސްކިތެއްގެ އާ ބާތުރަ ފިލުވުމަށް ދޫނޑިގަން ކައުންސިލުން 54،900 ރުފިޔާ އެއް ބަޔަކަށް ދީފައި ވަނީ އިއުލާން ކުރުމެއް ނެތި ކަމަށެވެ.
މީގެ އިތުރުން ދޫނޑިގަން ކައުންސިލަށް ބަލައިގަންނަ ފައިސާ ދުވަހުން ދުވަހަށް ޖަމާކުރުމުގެ ބަދަލުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ފައިސާތައް ތިޖޫރީގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓަމުން ގެންގޮސްފައިވާ ކަން ވެސް އޮޑިޓްގައި ފާހަކޮށްފައިވެ އެވެ.
ކައުންސިލްގެ އިދާރާގެ ބައެއް މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާކަން ލިޔެކިޔުންތަކުން އެނގެން ނެތުމާއި އެ މުވައްޒަފުންނަށް އިތުރު ގަޑީގައި ފައިސާދޭ އިރު ކައުންސިލްގެ އިދާރާގެ އިސްވެރިއަކު ހުއްދަ ދީފައިވޭތޯ ނުބަލައި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2013ގެ ނިޔަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 48،513 ރުފިޔާ ދީފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އަދި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގައި އުނި އިތުރު ހުރިކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ދޫނޑިގަން ކައުންސިލްގެ އިތުރުން ދިގުވާޑު ކައުންސިލާއި މާދަނޑު ކައުންސިލްގެ 2012 ވަނަ އަހަރުގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކައުންސިލްތަކަށް ލިބޭ ފައިސާގެ ރަޖިސްޓްރީއެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ތައްޔާރުކޮށް ބަލަހައްޓަމުން ގެންގޮސްފައިނުވާ ކަމަށެވެ.
އެ ތިން ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ ކައުންސިލްތަކުން ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކުރުމަށް ހުށަހަޅާފައި ނުވާތީ އޮޑިޓް ތައްޔާރުކޮށްފައި ވަނީ ކައުންސިލްތަކުން 2012 ވަނަ އަހަރުގެ ތެޜޭގައި ކޮށްފައިވާ މާލީ މުއާމަލާތްތަކަށް ބެލުމަށް ފަހު ކަމަށެވެ.