30 Apr 2014, 10:01
ވޮޝިންޓަން (އެޕްރީލް 30) : އެމެރިކާގެ އިރުދެކުނުގެ ސްޓޭޓްތަކަށް ކުރިމަތިވެފައިވާ ނަގޫރޯޅިތަކާއި ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ 29 މީހުން މަރުވެއްޖެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާގެ މައި ސަރުކާރުން ބުނީ އެގައުމުގެ އިރުދެކުނުގެ ސްޓޭޓްތަކަށް އަރަމުންދާ ނަގޫރޯޅިތަކާއި ކުރަމުންދާ ގަދަ ވިއްސާރައިގާ އެސްޓޭޓްތަކުގައި ފެންބޮޑުވެ 29 މީހުން މަރުވެ އެކަމުގެ ގެއްލުންތައް 75 މިލިޔަން މީހުން ތަހައްމަލް ކުރަމުންގެންދާ ކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގަދަ ވިއްސާރަ އާއި ތޫފާންތަކުގެ ގެއްލުންތައް އެންމެ ބޮޑަށް ލިބިފައި ވަނީ އާކެންސޯ، މިސިސިއްބީ، އައެވާ، އޮކްލަހޯމާ އަދި ކެންސާސް އަށެވެ.
އެ ސްޓޭޓްތަކަށް ކުރަމުންދާ ގަދަ ވިއްސާރަ އާއި މީގެ ތެރެ އިން ބައެއް ސްޓޭޓްތަކަށް އަރަމުންދާ ނަގޫރޯޅިތަކުގެ ސަބަބުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި 29 މީހުން މަރުވެ 15 ހާސް މީހުން ވަނީ ގެދޮރު ހަލާކުވުމުގެ ސަބަބުން ހާލުގައި ޖެހިފަ އެވެ. ވިއްސާރަ އާއި ގަދަ ވަޔާ އަދި ބާރުގަދަ ނަގޫރޯޅިތަކުގެ ސަބަބުން ގިނަ އަދަދެއްގެ ގެތައް ހަލާކުވެ ވެހިކަލްތައް އެކޮޅުކޮޅުންޖެހި ގަސްތަކާއި ވެއްޓުމުގެ ސަބަބުން އެމެރިކާގެ އިރުދެކުނުގެ އެތައް ސްޓޭޓެއްގައި ކޮމިއުނިކޭޝަން ގުޅުންތަކަށް ބުރޫއަރައި ދަތުރުފަތުގެ ނިޒާމަށް ހުރަސްތަކެއް އެޅިފައިވާ ކަމަށް އެސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން ވަނީ ހާމަކޮށްފަ އެވެ.
މޫސުމާ ބެހޭ އެމެރިކާގެ ގައުމީ އިދާރާ އިން ވަނީ ކުރިޔަށް އޮތް ހައެއްކަ ދުވަހު ވެސް އެމެރިކާގެ އިރުދެކުނުގެ ސްޓޭޓްތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެކަމަށްދޭ އިންޒާރުގެ ނޯޓިސްތައް ނެރެފަ އެވެ. (ރޮއިޓާސް)