30 Apr 2014, 09:43
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ފައިދާ 199 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ބެންކްގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ފައިދާ 199 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާ އިރު 35 ޕަސެންޓް އިތުރު އަދަދެކެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ އެ ބޭންކްގެ ހަރަދުތައް ކޮންޓްރޯލްކުރެވި އެބޭންކެގެ އާމްދަނީ 10 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ އަދަދު 199 މިލިއަން ރުފިޔާ އަށް އިތުރުވެ ޑިޕޮސިޓްކުރި އަދަދު 17 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ފައިދާވުމުން ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި އެ ބޭންކެގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބީއެމްއެލް އަށް ހޯދުނީ މާލީ ގޮތުން ބަލާ ނަމަ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ފުޅާކުރުމަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.