އިންސާނިއްޔަތަށް ހާއްސަ ހިދުމަތްތަކެއް ކޮށްދީފައިވާ ސްކައުޓުންނަށް އޭޝިއާ ޕެސިފިކް ރީޖަން (އޭޕީއާރް)ގެ ސްކައުޓް ކޮމެޓީންދޭ "ގެލެންޓްރީ އެވޯޑް" ރާއްޖޭގެ ސްކައުޓް އަހުމަދު ޝާފިއު އަށް ދީފި އެވެ.

އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ރޯވާ ސްކައުޓް ފ. ނިލަންދޫ، ފާޒިރާ މަންޒިލް، ޝާފިއު، 20 އަށް އެ އެވޯޑް ދީފައި ވަނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަންހެނަކު އޭނާގެ ފަސް އަހަރުގެ ދަރިފުޅު ގޮވައިގެން ބޮޑުތަކުރުފާނުމަގު ސޯޝަލް ސެންޓަރު ފުރަގަހުން ކަނޑަށް ފުއްމާލުމުން އެ ދެމައިން ސަލާމަތް ކުރުމުގައި އިސްދައުރެއް އަދާކޮށްދީފައި ވާތީ އެވެ.

އެ ދެމައިން ސަލާމަތްކުރުމުގައި ޝާފިއުގެ އިތުރުން އޭނާގެ އެކުވެރި އަބުދުﷲ މާހިރު ވެސް ބައިވެރިވި އެވެ.

ޝާފިއު ކޮށްދިން އެ ހާއްސަ ހިދުމަތަށް އޭޕީއާރުން އެ އެވޯޑް ހަވާލުކޮށްދިނީ، ސްރީލަންކާގެ ނެގޮންބޯގައި ކުރިއަށް ދިޔަ އަށް ވަނަ އޭޕީއާރު ސްކައުޓް ލީޑާސް ސަމިޓް އިއްޔެ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި، އޭޕީއާރު ސްކައުޓް ކޮމެޓީގެ ޗެއާމަން ޗާއޯ ޝައޯ ޕޯ އަތުންނެވެ.

މީގެ އިތުރުން މިހާރު ދިވެހި ފުލުހުންގެ ފަރާތުން ލިބުނު ސްކޮލޯޝިޕެއްގެ ދަށުން ބަހްރައިންގައި ފޮރިންސިކް ސައިންސް ކިޔަވަމުން އަންނަ ޝާފިއު އަށް ވަނީ އެ ރަސްމިއްޔާތުގައި އަގުހުރި ހިދުމަތްކުރަމުންދާ ސްކައުޓުންނަށް މެސެންޖާ ޕީސް އިންދެމުން އަންނަ ޕީސް ސްކާފް ވެސް އެވޯޑް ކޮށްފަ އެވެ. އެ ސްކާފް ޝާފިއު އަށް އެވޯޑް ކޮށްދިނީ، ދުނިޔޭގެ ސްކައުޓް ކޮމެޓީގެ ޗެއާމަން ސައިމަން ހޭންގް ބޮކް ރީ އެވެ.

ޝާފިއުގެ ހިތްވަރުގަދަ ކަމުން ފުލުހުން ވެސް ވަނީ ހިތްވަރު ގަދަ ޒުވާނުންނަށް ފުލުހުންދޭ ހިދުމަތުގެ ލިޔުން ވެސް އޭނާ އަށް ދީފަ އެވެ.

އޭޕީއާރްގެ "ގެލެންޓްރީ އެވޯޑް" ޝާފިއު އަށް ލިބުމުގެ ކުރިން، މިހާތަނަށް އެ އެވޯޑް ލިބިފައި ވަނީ ހަތަރު މީހަކަށެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ރައީސް މައުމޫނަށް ހއ. ހޯރަފުށިން މީހަކު ވަޅިއަކުން ދިން ހަމަލާ އަށް ހުރަސްއެޅި ސްކައުޓް، ހޯރަފުށީ ދިވެލި، މުހަންމަދު ޖައިޝަމް އިބްރާހީމް ހިމެނެ އެވެ. ޝާފިއުއަކީ މުޅި ދުނިޔެ އިން އެ އެވޯޑް ލިބުނު ފަސް ވަނަ އަދި ރާއްޖެ އިން އެ އެވޯޑް ލިބުނު ދެ ވަނަ ސްކައުޓެވެ.

އިއްޔެ ނިމުނު އޭޕީއާރު ސްކައުޓް ލީޑާސް ސަމިޓްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝާންގެ ނައިބް ރައީސް އިސްމާއިލް ޝަފީގް، ނެޝަނަލް ޗީފް ކޮމިޝަނަރު އަހްމަދު އަލި މަނިކް (ކެނެޑީ)، މިހާރު ނެޝަނަލް ސްކައުޓް ކައުންްސިލްގެ ލައިފް މެންބަރު އަބްދުﷲ ރަޝީދު (ސީދިބެ) އާއި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރު ހުސެއިން އަބްދުﷲ (ކެންދޫ) ބައިވެރިވެފައިވާ އިރު، އެ ސަމިޓްގައި ދުނިޔޭގެ ސްކައުޓް ހަރަކާތައް އަގު ހުރި ހިދުމަތްތަކެއް ކޮށްދެމުންދާ ފަރާތްތަކަށް ވޯލްޑް ސްކައުޓް މޫވްމަންޓް (ވޮޒަމް) އިންދޭ އެންމެ މަތީ އެވޯޑް "ބްރޯންޒް ވުލްފް އެވޯޑް" ވަނީ އޭޕީއާރުގެ ކުރީގެ ރީޖަނަލް ޑިރެކްޓަރު ކަން ކުރެއްވި ސީދިބެ ލިބި، އެ އެވޯޑް ރާއްޖެއިން ހޯދި ފުރަތަމަ ސްކައުޓުގެ ޝަރަފް ހޯދާފަ އެވެ.