ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކުރިޔަށް ގެންދިޔަ "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" ނިންމާލައި ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެ އިރުއޮއްސުމާ ހަމައަށް ކުރިޔަށް ގެންދިޔަ އެ ފެއާގެ ނަސީބުވެރިން ހޮވާފައި ވަނީ އިއްޔެ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ފެއާގައި ބައިވެރިވި އެކި ފަރާތްތަކުން ގިނަ އިނާމުތަކެއް ހުށައަޅާފައިވާ އިރު އެސްޓީއޯ އަދި މޯލްޑިވިއަންގެ އިތުރުން ޑީބީއެލް ޝޯރޫމުން ވަނީ ފާހަގަކޮށްލެވޭ އިނާމުތަކެއް ހުށައަޅައިފަ އެވެ.

އެގޮތުން އެސްޓީއޯ އިން ހުށައަޅާފައިވާ ހިޓާޗީ ބްރޭންޑްގެ 9000 ބީޓީޔޫ އިންވާޓާ އެއާކޮންޑިޝަން ކާމިޔާބުކޮށްފައި ވަނީ މ. މެގާލިތު، އިސްމާއިލް ޔައީޝް ނަދީމް އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ދެ މީހުންނަށް ހުށައަޅާފައިވާ އިންޑިއާގެ ޗެންނާއީ ދެކޮޅު ޓިކެޓް ށ. އުލިގަމު ފިނިހިޔާގެ ހައްވާ ހަނާ ކާމިޔާބުކޮށްފައިވާ އިރު ޑީބީއެލް ޝޯރޫމުން ހުށައަޅާފައިވާ ގޭސް އުނދުން ކާމިޔާބުކޮށްފައި ވަނީ ހ. ކޮރަލް ރީފް އަހްމަދު ޝިޔާން އެވެ.

އެ ތިން އިނާމުގެ އިތުރުން ފެއާގައި ބައިވެރިވި އެހެން ފަރާތްތަކުގެ ފަރާތުން ހުށައަޅާފައިވާ އެކިއެކި އިނާމުތައް ކާމިޔާބުކުރި ނަސީބުވެރިން ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހޮވާފަ އެވެ.