30 Apr 2014, 02:14
ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހު ޗެމްޕިއަން ބަޔާން މިއުނިކް ފަސޭހަކަމާއެކު ބަލިކޮށް، ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކޮށްފި އެވެ.
ބަޔާންގެ އާލިއަންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުން 4-0 ލަނޑުން މޮޅުވެ، ރެއާލް ފައިނަލަށް ދަތުރުކުރީ 5-0 ލަނޑުގެ އެގްރިގޭޓަކުންނެވެ. މެޗުގައި ރެއާލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ދެ ލަނޑު ޖެހި އެވެ.

ލަނޑު ޖެހުމަށް ފަހު ކްރިސްޓިއާނޯ ރޮނަލްޑޯ (މ) ޓީމުގެ ކުޅުންތެރިނާއެކު އުފާފާޅު ކުރަނީ-- ފޮޓޯ/ އޭޕީ
މިރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. ކުރިން އެ ރެކޯޑް އޮތީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަތުގަ އެވެ. މެސީ އެ ރެކޯޑު ހެދީ ޗެމްޕިއަންސް ލީގު 2011-12 ސީޒަނުގައި ކާމިޔާބު ކުރި 14 ގޯލާއެކު އެވެ. މިރޭ ބަޔާން ކޮޅަށް ކާމިޔާބުކުރި ދެ ލަނޑާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ވަނީ 16 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ރާމޯސްގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ފެނުނު އިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 20 ވަނަ މިނެޓްގަ އެވެ. ރެކޯޑު މުގުރާލި ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން އެގާރަ މިނެޓަށް ވެފައި ވަނިކޮށެވެ. އަދި ރޮނާލްޑޯގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

ބާޔާން ކޮޅަށް ޖެހި ފަހު ލަނޑު: މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިދީފައި-- ފޮޓޯ/ އޭޕީ
މި މެޗަށް ނުކުތް އިރު ރެއާލް އަށް އެޑްވާންޓޭޖެއް އޮތް ނަމަވެސް، ރެއާލްގެ ފަރާތުން ފެނުނީ ހަމައެކަނި ޑިފެންސް ކޮށްގެން ކުޅޭ ތަނެއް ނޫނެވެ. މެޗުގައި ރެއާލް އިން ވަނީ އެޓޭކް ކޮށް، ބަޔާން އަށް ގިނަ ދަތިތަކެއް ކުރިމަތި ކުރުވާފަ އެވެ. ތިން ލަނޑުގެ ލީޑެއް ލިބުނު އިރު ވެސް ރެއާލްގެ ފަރާތުން އެޓޭކިންގް ކުޅުމެއް ފެނިގެންދިޔަ އެވެ.

ބަޔާން މިއުނިކް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރިއާލްގެ ސާޖިއޯ ރާމޯސް އުފާފާޅު ކުރަނީ-- ފޮޓޯ/ އޭޕީ
މެޗުގައި ބަޔާނުން އާންމުކޮށް ކުދި ޕާސްތައް ކޮށްގެން ކުޅޭ ކުޅުނު ނަމަވެސް، އެ ޓީމަށް ރެއާލްގެ ގޯލު ފޫ އަޅުވާލެވިފައެއް ނުވެ އެވެ. ގިނަ ހަމަލާތަކެއް ރެއާލްގެ ޑިފެންޑަރުން ހުށިޔާރުކަމާއެކު ދިފާއުކުރި އިރު، ބަޔާންގެ ޑިފެންޑަރުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެ އެވެ.
ފައިނަލުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނެ ޓީމަށް އެނގޭނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ކުޅޭ މެޗުންނެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅޭ މި މެޗު ފެށޭނީ ރާއްޖޭ ގަޑިން މާދަމާ ރޭ 11:45 ގަ އެވެ.

ލަނޑު ޖެހުމަށް ފަހު ކްރިސްޓިއާނޯ ރޮނަލްޑޯ (މ) ޓީމުގެ ކުޅުންތެރިނާއެކު އުފާފާޅު ކުރަނީ-- ފޮޓޯ/ އޭޕީ