މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރުން އަމަލުކުރަން ފެށި ގަވާއިދު އުވާލުމަށް އދ. އިން ގޮވާލައިފި އެވެ.

ޖެނީވާގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ނަވީ ޕިއްލޭގެ ތަރުޖަމާނު ރަވީނާ ޝަމްސަދާނީ ވިދާޅުވީ އެ ގަވާއިދާ މެދު ކަންބޮޑުވާ ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމަށް ހެދި ރާއްޖޭގެ އާ ގަވާއިދާ މެދު ކަންބޮޑުވަން. މިއީ 60 އަހަރުގެ މެދު ކެނޑުމަކަށް ފަހު، އަދަބު ދިނުމުގެ ގޮތުން ތަންފީޒުކުރަން ރާއްޖެއިން ފެށި ގާނޫނެއް، މި ގާނޫނު ކުރިން އޮތް ގޮތަށް ބަދަލުކުރަން ދިވެހި ސަރުކާރުގައި އެދެން،" އޭނާ ވިދާޅުވި އެވެ.

މި ގަވައިދުގައިވާ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުން އދ. އިން ފާހަގަކޮށްފައި ވަނީ 18 އަހަރުން ދަށުގެ މީހުންނަށް މަރުގެ ހުކުމް އަންނާތީ އެވެ.

"އެ ގާނޫނުގައިވާ ގޮތުން 18 އަހަރުން ދަށުގެ މީހަކަށް މަރުގެ ހުކުމެއް ސާބިތުވެދާނެ. ދިހަ އަހަރުގެ ކުދިން ވެސް އެ ހުކުމާއި ކުރިމަތިލާން ޖެހޭ އިރު، ހަތް އަހަރު ވިޔަސް އެ ކުއްޖަކަށް މަރުގެ ހުކުމެއް އައިސްދާނެ. ރާއްޖޭގެ މަރުގެ ގާނޫނުގައިވާ ގޮތުން މަރުގެ ހުކުމް ތަންފީޒުކުރަނީ 18 އަހަރުވުމުން. މިއީ ހިތާމަވެރި ކަމެއް،" ޝަމްސަދާނީ ވިދާޅުވި އެވެ.

އެ ގަވާއިދު ބުނާގޮތުން އުމުރުން 10 އަހަރުގެ ކުދިން ވެސް މަރުގެ ހުކުމާ ކުރިމަތިލާންޖެހޭ ކަމަށާއި އަދި 18 އަހަރުން ދަށުގެ ކުދީންގެ މައްޗަށް ވެސް މަރުގެ ހުކުމް ތަންފީޒު ކުރެވޭ ގޮތަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވިދާޅުވެ ޕިއްލޭގެ ތަރުޖަމާން ވާހަކަދައްކާފައި ވަނީ ކަމުގެ ހަގީގަތް އޮޅެގޮތަށްކަން ފާހަގަކޮށްލެވެއެވެ. އެ ގަވާއިދު ބުނާގޮތުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިނަމަވެސް އެ ހުކުމް ތަންފީޒު ކުރާނީ އެ ކުއްޖަކަށް 18 އަހަރު ފުރުމުންނެވެ.