ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރެއާލް މެޑްރިޑް އަދި ދަތުރު ނުކުރާ ކަމަށް ބުނެ، އެ ޓީމުގެ ކުޅުންތެރިންނަށް އެ ކްލަބުގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް އިންޒާރެއް ދީފި އެވެ.

އާންމު ބައްޔެއްގެ ސަބަބުން ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލްގެ ބޭލް ފެނިފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗު ނިމެން 17 މިނެޓަށް ވެފައި ވަނިކޮށެވެ. ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކުޅުންތެރިޔާ ބޭލް ބުނީ، އޭނާ ހުރީ ދެވަނަ ލެގުގައި މިރޭ ބަޔާންއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްކޮށް ކަމަށެވެ.

"އަހަރެމެން އަދި މި ވަނީ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފައެއް ނޫން. ބަޔާންއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެ،" އޭނާ ބުންޏެވެ. "އަހަރެން މިހާރު ފިޓް ވެއްޖެ. އަހަރެންނަށް ފަރިތަކުރުންތަކުގައި ބައިވެރިވާން ލިބުނު ފުރުސަތުގެ ބޭނުން ހިިފިން. މިހާރު އަހަރެންގެ އުންމީދަކީ ބަޔާންއާ ދެކޮޅަށް ކުޅޭ މެޗަށް އެރުން،"

ބޭލް ބުނީ، މެޑްރިޑުން މިރޭގެ މެޗަށް ނުކުންނަންވީ ކޮޕާ ޑެލްރޭގެ ފައިނަލަށް ނުކުތް އަޒުމުގައި ކަމަށާއި މެޗުގައި ވިސްނަން ޖެހޭނީ ހަމައެކަނި ޑިފެންސަށް ނޫން ކަމަށެވެ.

"ބަޔާންއާ ދެކޮޅަށް ކުޅޭ މެޗުގައި އަހަރެމެން ގެންގުޅެން ޖެހޭނީ ބާސާއާ ދެކޮޅަށް ކުޅުނު ކޮޕާ ޑެލްރޭ ފައިނަލުގައި ގެންގުޅުނު އަޒުމު. އަހަރެމެންގެ އަޒުމަކަށް އަބަދުވެސް ވާން ޖެހޭނީ ވަރުގަދަ ޓީމުތައް ބަލިކޮށް މުބާރާތްތައް ކާމިޔާބުކުރުން. އަދި ފުރަތަމަ ލެގުގައި އެޑްވާންޓޭޖެއް ނެގުނު ނަމަވެސް، ޑިފެންސަށް އެކަނި ވިސްނައިގެން ނުވާނެ،" ވޭލްސް މިޑްފީލްޑަރު ބުންޏެވެ.

ބަޔާންއާ ދެކޮޅަށް މިރޭ ރެއާލް ނުކުންނަ އިރު، އަމިއްލަ ދަނޑުގައި ކުޅުނު ޗެމްޕިއަން ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ވަނީ 1-0 ލަނޑުން ރެއާލް މޮޅުވެފަ އެވެ. ފައިނަލަށް ދަތުރުކުރާ ފުރަތަމަ ޓީމު ކަނޑައެޅުމަށް މިރޭ ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން 11:45 ގައެވެ. މި މެޗު ކުޅޭނީ ބަޔާންގެ އާލިއަންޒް އެރީނާގަ އެވެ.