28 Dec 2010, 09:46
ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް އިންޒާރުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަފުޅު ޑީއާރްޕީން ކުށްވެރިކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ ކެމްޕެއިން ޖަގަހެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، ޒައީމް މައުމޫނާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، މައި އިދިކޮޅު ޕާޓީން ނެރުނު ނޫސްބަޔާނުގައި އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ދޭން ޖެހޭ ގަދަރާއި އިއްޒަތް އެމަނިކުފާނަށް ދޭން ޖެހޭނެ ކަމަށެވެ.
"އެމަނިކުފާނަކީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ އިއްޒަތާއި ގަދަރާއި ރައްކާތެރިކަން ޤާނޫނު އަސާސީގެ 128 ވަނަ މާއްދާގެ ދަށުން ލިބިދޭން ޖެހޭ ބޭފުޅަކަށްވީ ހިނދު، 27 ޑިސެމްބަރު 2010 ގައި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްކޮށް އެމަނިކުފާނަށް އިންޒާރުކުރައްވާ ބިރުދެއްކެވުމަށް ދެއްކެވި ވާހަކަ ދިވެހި ރައްޔިތުންގެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ތަސްމީން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދިނުމަށް ޤާނޫނު އަސާސީން ލާޒިމްކުރާ އަދި ޤާނޫނުގައި ބަޔާންކުރެވިފައިވާ އިއްޒަތާއި ޝަރަފާއި ހިމާޔަތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި މައުމޫނަށް ދިނުމަށް ވެސް ތަސްމީން ވަނީ އެ ނޫސްބަޔާނުގައި ގޮވައިލައްވައިފަ އެވެ.
ޑީއާރްޕީން ވަކިކުރުމަށް ނިންމާފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑާ އުމަރު ނަސީރުގެ ފެކްޝަނުން ވެސް ވަނީ، ރައީސް ނަޝީދު މައުމޫނާ ގުޅޭ ގޮތުން ރޭ ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށްފަ އެވެ. ޑީއާރްޕީ ލެޓާހެޑުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައި އުމަރުގެ ފެކްޝަނުން ބުނަނީ، ޒައީމް މައުމޫނަށް "ބިރުދެއްކުމުގެ ގޮތުން މަރުގެ އިންޒާރު ދީފައިވާތީ އެކަން ކުށްވެރިކުރުމަށް" ބާއްވާ ޑީއާރްޕީގެ އެއްވުމެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ.
ނަމަވެސް، ޑީއާރްޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ރައީސް ނަޝީދާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް އެޅުމާ ގުޅެ ގޮތުން ގޮތެއް ނިންމާނީ ކައުންސިލްގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށާއި އަދި އެ ޕާޓީން ވަކިކުރަން ނިންމާފައިވާ ޑެޕިއުޓީ ލީޑަރަކު ޑީއާރްޕީ ނަމުގައި ކުރާ ކަމަކަށް އެޕާޓީން ސަޕޯޓު ނުދޭނެ ކަމަށެވެ.
"ޑީއާރްޕީގެ އޮފީހުން ޑީއާރްޕީގެ މުޒާހަރާއެއް އޮތިއްޔާމުން އަންގާނީ. ރަސްމީކޮށް އަންގާނެ. އަނެއްކާ ޑީއާރްޕީގެ އޮފީހުން ނޫސް ބަޔާނެއް އެއްޗެއް ނެރެފައި އަޅުގަނޑުމެން މީޑިއާ އަށް ރަސްމީކޮށް އަންގާނީ. އެ ދާނީކީ އުމަރު ނަސީރާއި އިލްހާމާ ދެމީހުންގެ ނަމަކުންނެއް ނޫން ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނަމުން،" ތުލުސްދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ސިޔާސީ ކަންކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އެނބުރި މާލެ ވަޑައިގެންފިނަމަ ކުރީގެ ރައީސުނަށް ދިމާވެފައިވާފަދަ ދެރަ ހާދިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ރައީސް ދެއްވާފައި ވަނީ، މައުމޫން ޑީއާރްޕީގެ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިންމަވާފައިވާތީ އެވެ.
"އަޅުގަނޑު ވަރަށް ހިތާމަކުރާ އަދި ކަންބޮޑުވާ ކަމެއް މާލެއަށް ދިމާވާން އުޅޭތީވެ، ކަންބޮޑުވަނީ. ވަރަށް ގިނަ ފަހަރަށް މި މާލޭގައި ވެރިކަން ކުރާ ބޭފުޅުން ވެރިކަން ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާ. އެހެން އުޅުއްވާފައި ބައެއް ފަހަރު އެނބުރި ވަޑައިގަންނަވަން އުޅުއްވާނެ. މިއީ އަޅުގަނޑަށް އެއްވެސް ހާލެއްގައި މަޖާ ވާހަކައެއް ނޫން. އަޅުގަނޑު ކަންބޮޑުވާ ވާހަކައެއް. އެނބުރި ވަޑައިގަންނަވާ ދަނޑިވަޅުތަކުގައި ބައެއް ބޭފުޅުން އަވަހާރަ ވެފައި އެބަތިއްބެވި. އަނެއްބައި ބޭފުޅުންނަށް މުޅި ހަޔާތް އެކީ ބަރުބާދުވެފައި އެބަތިބި." ރައީސް ނަޝީދު ރޭ ވިދާޅުވެފައި ވެއެވެ.