29 Apr 2014, 20:13
މަސްތުވާތަކެއްޗާއެކު ވ. އަންބަރާގައި ޕާޓީ ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި ތިބި 21 މީހަކު މިއަދު މިނިވަންކޮށް، 14 މީހެއްގެ ބަންދުގެ މުއްދަތު މިރޭ އިތުރުކޮށްފި އެވެ.
އަންބަރާއިން ހައްޔަރު ކުރި 79 މީހުންގެ ތެރެއިން 44 މީހަކު އިއްޔެ ވަނީ މިނިވަންކޮށްފަ އެވެ. ބާކީ ތިބި 35 މީހުންގެ ތެރެއިން ގޭ ބަންދުގައި ހުރި ކުޑަކުއްޖާ ފިޔަވައި އެހެން ހުރިހާ އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހަވީރުން ފެށިގެން ކޯޓަށް ގެންދިޔަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔައީ 34 މީހަކު ކަމަށާއި އޭ މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ.
އަންބަރާއިން ހައްޔަރު ކުރި 18 އަހަރުން ދަށުގެ އަންހެންް ކުއްޖާގެ ހުރީ ގޭ ބަންދުގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓޫން ބުނީ ބަންދުގެ މުއްދަތު އިތުރު ކުރި މީހުން ފަސް ދުވަހާއި 10 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބެހައްޓުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ އިތުރުކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
މި މަހުގެ 18 ވީ ހުކުރު ދުވަހުގެ ރޭ އަންބަރާގައި ޕާޓީ ކުރަން ގޮސްތިބި މީހުންގެ ތެރެއިން ހައްޔަރު ކުރި 79 މީހުންގެ ޔޫރިން ވެސް މަސްތުވާތަކެއްޗަށް ޕޮޒިސިޓްވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށް ފަ އެވެ. އެ މީހުން ޕާޓީ ކުރި ރަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާއި ބާރުގަދަ މަސްތުވާތަކެއްތީގެ ބާވަތެއް ކަމަށްވާ އެލްއެސްޑީގެ އިތުރުން ކެނަބިސް ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.