29 Apr 2014, 18:35
މިދިޔަ މަހުގެ އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއަން އެއާލައިންގެ މަތިންދާބޯޓު އެމްއެޗް370 ހޯދުމަށް ވައިގެ މަގުން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގި "ޖޮއިންޓް އެއާ ސާޗް" ހަތް ހަފްތާގެ ބުރަ މަސައްކަތަށް ފަހު، އެއްވެސް ކާމިޔާބީއެއް ނުލިބި ހުއްޓާލައިފި އެވެ.
ބޭރު ދުނިޔޭގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެފައި ވަނީ، އެމްއެޗް 370 ހޯދުމަށް ވައިގެ މަގުން ގައުމުތައް ގުޅިގެން ހިންގި އޮޕަރޭޝަން ނިންމާލި ކަމުގައިވީ ނަމަވެސް، އަދިވެސް އެ ބޯޓު ގެއްލުނު ކަމަށް ލަފާކުރެވޭ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޭގެ ހަބަރެއް ވޭތޯ ބައެއް ބޯޓުތަކުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.
"ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި، ގާތްނޑަކަށް ހަތް ގައުމެއްގެ 600އަށް ވުރެ ގިނަ މީހުން ވަނީ، އެ އޮޕަރޭޝަންގައި ބޭނުންކުރި ޕްލޭންތަކުގެ ކުރިމަތީގައި، ހަނދާނީ ފޮޓޯއެއް ނަގާފައި،" ސީއެންއެންއިން ބުންޏެވެ.
ކަނޑު މަގުންނާއި ވައިގެ މަގުން ހަތް ހަފުތާވަންދެން ކުރި ބުރަ މަސައްކަތުން ވެސް އެމްއެޗް 370 އަށް ވީނުވީއެއް ހޯދިފައި ނުވާއިރު، މެލޭޝިއާގެ ކަމާބޭހެ އިދާރާއިން ވަނީ، މިއަދު ވަނީ، ގެއްލުނު ބޯޓުގެ ފަސިންޖަރުންގެ އާއިލާތަކަށް މީގެ ކުރިން އިވިފައި ނުވާ "ކޮކްޕިޓް"ގެ އޯޑިއޯ ރެކޯޑިންއެއް ހާމަކޮށްފަ އެވެ.
އެހެން ނަމަވެސް ކޮކްޕިޓްއާއި ކޮންޓްރޯލް ޓަވަރާ ދެމެދު އެންމެ ފަހުން ކުރެވުނު މުއާމަލާތުގައި އާދަޔާ ހިލާފު ވާހަކަތަކެއް ފާހަގަ ކުރެވިފައެއް ނުވެ އެވެ.
"މެލޭޝިއާ އެއާލައިން ތިނެއް ހަތެއް ސުމެއް، ކޮންޓެކްޓް ހޯ ޗީ މިން 120.9، ބާއްޖަވެރި ރެއަކަށް އެދެން،" ކުއަލަލަމްޕޫރުގެ ރާޑަރު ކޮންޓްރޯލްގައި ހުރި މެލޭޝިއަން އޮފިޝަލް ބުނެފައި ވެއެވެ.
"ބާއްޖަވެރި ރެއަކަށް އެދެން، މެލޭސިއަން ތިނެއް ހަތެއް ސުމެއް،" ޖަވާބުގައި ބޯޓުގެ ކުރޫއެއް ބުނެފައިވާކަމަށް އަލަށް ހާމަކުރި އޯޑިއޯގައި ވެއެވެ.
އެމްއެޗް 370 އިން ދަތުރުކުރި މީހުންގެ އާއިލާތަކުން ބުނެފައިވަނީ، ބޯޓަށް ވީނުވީއެއް ހޯދިފައި ނުވިނަމަވެސް، އަލަށް ހާމަކުރި މައުލޫމާތު ތަކުން އެމީހުންގެ ބައެއް ސުވާލުތަކަށް ޖަވާބު ލިބެންފަށައިފި ކަމަށެވެ. ގެއްލުނު ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކުން މީގެ ކުރިން ވަނީ، މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އެމީހުންނަށް ބޯޓާ ބެހޭ މައުލޫމާތު ފޯރުކޮށްދޭލެއް މަދުކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
ގެއްލުނު ބޯޓު ހޯދުމުގެ މުޅިން އާ މަރުހަލާއެއް ފެށުމަށް ހަމަޖެހިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ކުރިއަށް އޮތް މަރުހަލާގައި ބޯޓު ހޯދުމަށް 60،000 އަކަ ކިލޯމީޓަރުގެ ކަނޑު އަޑީގެ ސަރަހައްދު ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ގާތްގަނޑަކަށް އަށެއްކަ މަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭއިރު، އެކަމަށް 56 މިލިޔަން ޔޫއެސް ޑޮލަރު ހަރަދުވާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.