ރާއްޖެއަކީ އިސްލާމީ ޝަރީއަތް ކޮޑިފައިކުރި (ވަކި ނިޒާމަކަށް ފެތޭ ގޮތަށް އިންތިޒާމު ކުރި) ފުރަތަމަ ގައުމުކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އާ ގާނޫނުލް އުގޫބާތާ ބެހޭ ގޮތުން ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

"...މީގައި އެންމެ މުހިއްމު ސުވާލަކީ، މި ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދިފައި އޮތް ގާނޫނުލް އުގޫބާތެއްތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލު. އަޅުގަނޑުގެ މައުލޫމާތު ކުށަކަށް ނުވާ ކަމަށް ވާނަމަ، މިއީ މިހާތަނަށް ދުނިޔޭގައި އެއްވެސް ގައުމަކުން އިސްލާމީ ޝަރީއަތް ތަހުނީނުކުރަން ނުވަތަ ކޮޑިފައި ކުރަން ކުރެވުނު އެންމެ ފުރަތަމަ މަސައްކަތް،" އާ ގާނޫނުލް އުގޫބާތާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުން ޝަމީމު ވިދާޅުވި އެވެ.

އާ ގާނޫނުލް އުގޫބާތާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ޕީޖީ ޝަމީން (ވ) ހައި ކޯޓުގެ ފަނޑިޔާރުންނާއެކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

~
ޝަމީން ވިދާޅުވި ގޮތުގައި މުސްލިމް ގައުމެއް ކަމަށްވާ އުމާން ސަރުކާރުން ވެސް ރާއްޖޭގެ ތަޖުރިބާ ބަލައި، ދިރާސާކޮށްފައިވެ އެވެ.

"...ސުލްތޯނަތުލް އުމާންގެ ފަރާތުން ވެސް މިތަޖުރިބާ ބައްލަވައި ދިރާސާ ކުރެއްވިކަން އަޅުގަނޑަށް އެނގިފައިވޭ. އެކަމާ ބެހޭ ލިއުންތަކެއް އަޅުގަނޑަށް ލިބިފައިވޭ،" ޝަމީމު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނީލު ވިދާޅުވީ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"...ކުރިއަށް އެއް އަހަރު އެބަ އޮތް އަޅުގަނޑުމެން މި ގާނޫނުލް އުގޫބާތަށް އަމަލުކުރަން ތައްޔާރުވުމަށް ޓަކައި. ހަމަ މިހެން ދެންނެވުމާ އެކީގައި ދަންނަވާލަން ބޭނުންވޭ، އެއް އަހަރަކީ އެހާ ދިގު މުއްދަތެއްނޫން ކުރަން ހުރި މަސައްކަތްތަކަށް ބަލާއިރު،" އަނިލް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ބައެއް ކަންތައްތައް އަނިލް ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ ގާނޫނުލް އުގޫބާތަށް ގެންނަން ޖެހޭ ބަދަލުތަކާއި އެއާ ގުޅުން ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ އެފަދަ އެއް މަސައްކަތް ކަމަށެވެ.

ގާނޫނުލް އުގޫބާތާއި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ސަބަބަކީ އެގާނޫނު އެކުލަވައިލީ މީގެ 10 އަހަރު ކުރިން ކަމަށް ވެފައި، އޭގެ ފަހުން ރާއްޖެ އަށް ދުސްތޫރީ ބޮޑެތި ބަދަލުތަކެއް އައިސްފައި ވުން ކަމަށް ވެސް ވިދާޅުވި އެވެ.
އާ ގާނޫނުލް އުގޫބާތާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު (ކ) ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފުގެ (ވ) އަރިހުގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތަސްދީގު ކުރެއްވުމާ އެކީގައި ވެސް އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި އެގާނޫނާ ގުޅިގެން. އެ ގާނޫނު ތަސްދީގު ކުރެއްވި އިރު ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ހުރި ބައެއް ކަންތައްތައް ހިމެނޭ. އަދި އެގާނޫނުގައި ވެސް ހިމެނޭ ބައެއް ކަންތައްތައް އެބަހުރި. އެއީ އެގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ނުވަތަ ބަދަލުތަކެއް ހުރުމާ އެކީގައި. މައިގަނޑު އެއް ސަބަބަކީ އެގާނޫނު އެކުލަވައިލީ މީގެ 10 އަހަރު ކުރިން ކަމަށް ވާތީ، އޭރުގެ ހިޔާލުތަކާއި ވިސްނުންތަކާއި އޭރު ދިވެހިރާއްޖޭގައި ކުށްތައް ކުރެވެމުން އައި ވައްޓަފާޅި އާއި އޭރުގެ ދުސްތޫރީ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިއަދު މިވަނީ އައިސްފައި،" އަނިލް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނީލު އާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ސުޕްރީމްކޯޓްގެ ބައެއް ފަނޑިޔާރުންނާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވަޑައިގެންނެވި އެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝަލުނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މެމްބަރުން ވެސް ވަޑައިގެންނެވި އެވެ.
އާ ގާނޫނުލް އުގޫބާތާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ