29 Apr 2014, 17:18
މިދިޔަ ހޮނިހިރު ދުވަހު އަލިކިލޭގެފާނު މަގު ސިޓީޕާކް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރިވި މައްސަލަ ތަހުގީގު ކުރުމަށް، ސައިކަލް ދުއްވި މީހާ ހޯދަން ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
ނ. ވެލިދޫ، މުނިޔާވިލާ، އަބްދުﷲ އަޒީޒް، 60، މަރުވެފައި ވަނީ އޭނާ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ލަންކާގެ ހޮސްޕިޓަލަކަށް ގެންދިޔުމުގެ މަގުމަތީގަ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެކްސިޑެންޓް ހިނގި ސަރަހައްދު ވަށައިގެން 150 ފޫޓުގެ ރޭޑިއަސް ހިމެނޭ ސަރަހައްދުގައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ ފްޓޭޖްތަކާއި އެސަރަހައްދުން އާއްމު ރައްޔިތުން ފުލުހުންނާ ހިއްސާކުރި ސީސީޓީވީ ކެމެރާތަކުގެ ފްޓޭޖްތައް އެއްކޮށް ދިރާސާކޮށްފައިވާ ކަމަށެވެ.
އެ ދިރާސާގެ އިތުރުން މަންޒަރުދުށްކަމަށް ބުނާ ބައެއް މީހުންގެ ފަރާތުންވެސް މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ސައިކަލް ދުއްވިމީހާ ހޯދޭގޮތެއް ނުވި ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެކްސިޑެންޓް ކުރުމަށްފަހު ފިލާފައިވާ މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި އޭނާ ދިރިއުޅޭ ތަނެއްގެ މައުލޫމާތު އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ނަމްބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެމީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތަކަށް ލިބިދޭންޖެހޭ އެންމެހައި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ވެސް ފުލުހުން ބުންޏެވެ.