29 Apr 2014, 16:46
އެޕަލް އާއި ސެމްސަންގް ގެ ބައެއް ފޯނުތަކުގައި މައްސަލަތަކެއް އުޅޭކަމަށް އެ ދެ ކުންފުނިން ބުނެފިއެވެ.
އެޕަލް އިން ވަނީ އެ ކުންފުނީގެ އައިފޯން 5 ގެ ޕަވަރ ބަޓަން، ނުވަތަ ސްލީޕް ވޭކް ބަޓަންގައި މައްސަލަތަކެއް އުޅޭތީ، މައްސަލަ އުޅޭ ފޯނުތައް ބަދަލުކޮށްދޭނެ ކަމަށް ބުނެފައެވެ.
ހަމަ އެއާއި އެކު ސެމްސަންގް އިން ދާދި ފަހުން ތައާރަފް ކުރި ގެލެކްސީ އެސް 5 ގެ ބައެއް ފޯނުތަކުގެ ކެމެރާ މަސައްކަތް ނުކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އަލަށް ގަންނަ ސެމްސަންގް ގެލެކްސީ އެސް 5 ފޯނަކުން އެފަދަ މައްސަލައެއް ފެނިއްޖެ ނަމަ، އެކަން އެންގުމުން، އެ ފޯނެއް ބަދަލުކޮށްދޭނެ ކަމަށް ސެމްސަންގް އިން ވެސް ވަނީ ބުނެފައެވެ.
ސެމްސަންގް އިން ބުނިގޮތުގައި ކެމެރާ މަސައްކަތް ނުކުރާ ގެލެކްސީ އެސް5 ފޯނުތަކުގެ ތެރެއިން ބާޒާރަށް ނެރެފައި ވަނީ ވަރަށް މަދު ފޯނެކެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފޯނެއް ކަމެއް ހާމަ ކޮށްފައި ނުވާ އިރު“އެމެރިކާ އާއި އެތައް އެހެން ގައުމެއްގައި” މައްސަލަ ޖެހިފައިވާ ފޯނުތައް ވިކިފައިވާކަމަށް ސެމްސަންގް އިން ބުންޏެވެ.
“އަހަރަމެންނަށް މައްސަލަ ފެނިފައި ވަނީ ގެލެކްސީ އެސް5 އުފައްދަން ފެށިތާ ކައިރީ ހަދާފައިވާ ވަރަށް މަދު ފޯނަކުން. މައްސަލަ ދިމާވެފައި ވަނީ ކެމެރާ ބޭނުންކުރުމުގައި ބޮޑު ބައެއް އަދާކުރާ “ރީޑް އޮންލީ މެމޮރީގައި” މައްސަލަތަކެއް ހުރުމުގެ ސަބަބުން،” ސެމްސަންގް އިން ނެރުނު ބަޔާނެއްގައި ވެއެވެ.
އެޕަލް އިން ބުނީ އައިފޯން 5 ގައި މައްސަލަ ދިމާވެފައިވަނީ “މަދު އިންސައްތަ” އެއްގެ ފޯނުތަކަކަށް ކަމަށް ކަމަށެވެ. އަދި މިއީ އުފެއްދުމުގައި ދިމާވެފައިވާ މައްސަލައެއް ކަމަށައި، އޭގެ ސަބަބުން ސްލީޕް، ވޭކް ބަޓަން މަސައްކަތް ނުކުރަން، ނުވަތަ ބައެއްފަހަރު މަސައްކަތް ކުރަން ދިމާވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އިތުރު އަގަކާ ނުލައި މައްސަލަ ޖެހިފައިވާ އައިފޯން 5 ގެ ސްލީޕް، ވޭކް ބަޓަން ބަދަލުކޮށްދޭނެކަމަށް އެޕަލްއިން ވަނީ ބުނެފައެވެ. މި މައްސަލަ ޖެހިފައި ވަނީ 2013 ވަނަ އަހަރުގެ މެއި މަހުގެ ކުރިން ބާޒާރަށް ނެރެފައިވާ އައިފޯން 5 ގެ ފޯނު ތަކުގައެވެ. މި މައްސަލަ ދެނެގަންނަން ފަސޭހަކުރުމަށްޓަކައި އެޕަލް އިންވަނީ ފޯނުގެ ސީރިއަލް ނަމްބަރު ޖަހާލުމުން، އެ ފޯނަކީ މައްސަލަ ޖެހިފައިވާ ފޯނުތަކާ އެކު ވިކިފައިވާ ފޯނެއްތޯ ދެނެގަނެވޭ ވެބަސައިޓް ތައާރަފްކޮށްފައެވެ.
މައްސަލަޖެހިފައިވާ އައިފޯން 5 ގެ ފޯނުތައް އެމެރިކާގައި ބަދަލުކޮށްދޭން ފަށާފައިވަނީ އިއްޔެ (ހޯމަ ދުވަހު) އެވެ. އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި މި ފޯނު ބަދަލުކޮށްދޭ ޕްރޮގްރާމް ފަށާނީ މެއި 2 ގައެވެ.
މައްސަލަ ޖެހިފައިވާ ފޯނުތައް ޕޯސްޓްގެ ޒަރިއްޔާއިން ފޮނުވުމަށް، ނުވަތަ ސީދާ އެޕަލްގެ ފޯނު މަރާމާތުކޮށްދޭ މަރުކަޒަކަށް ގެންދިއުމަށް އެޕަލް އިން ވަނީ އިލްތިމާސްކޮށްފައެވެ.